މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި އެމްޑަބްލިޔުއެސްސީގެ ބައިވެރިވެއްޖެ

މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި އެމްޑަބްލިޔުއެސްސީގެ ބައިވެރިވެއްޖެ

Author
އަހުމަދު
14 ޑިސެމްބަރ 2025 03:24
0

މަސްވެރިންގެ ދުވަސް ގައުމީ ފެންވަރުގައި ފާހަގަކުރުމުގެ ގޮތުން ފިޝަރީޒް މިނިސްޓްރީން ރ. ދުވާފަރުގައި އިންތިޒާމުކުރި ހަރަކާތްތަކުގައި އެމްޑަބްލިޔުއެސްސީ ވަނީ ޓައިޓަލް ސްޕޮންސަރެއްގެ ހައިސިއްޔަތުން ބައިވެރިވެފައެވެ.

މަސްވެރިކަމުގެ ސިނާއަތް ރާއްޖޭގައި ސިންދަފާތުކުރުމަށް ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން ހަފްތާބަންދުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގެ ތެރެއިން އެމްޑަބްލިޔުއެސްސީން "އެމްޑަބްލިޔުއެސްސީ މަސް ރޭސް"ގެ ޓައިޓަލް ސްޕޮންސަރެއްގެ ގޮތުގައި ބައިވެރިވިއެވެ. މީގެ އިތުރުން "މަސްވެރި ހަވީރު"ގެ ނަމުގައި ބޭއްވި ކުޑަކުދިންގެ ފެސްޓިވަލްގައިވެސް އެމްޑަބްލިޔުއެސްސީގެ މުވައްޒަފުން ބައިވެރިވެ ސްޓޯލް ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

މި ހަރަކާތްތަކާ ގުޅިގެން އެމްޑަބްލިޔުއެސްސީން ރ. ދުވާފަރުގައި މަސްވެރިންނަށް އަމާޒުކޮށްގެން ދޮރުންދޮރަށް ކެމްޕޭނެއް ކުރިއަށް ގެންގޮސްފައިވެއެވެ. މި ކެމްޕޭނުގެ މައިގަނޑު މަގުސަދަކީ އެ ރަށުގައި އެމްޑަބްލިޔުއެސްސީން ފޯރުކޮށްދޭ ހިދުމަތްތަކާއި، އެ ރަށުގައި އުފައްދާ އައިސް އަދި ތާޒާ ފެނާ މެދު ރައްޔިތުން ދެކޭ ގޮތްތައް ދެނެގަނެ މި ހިދުމަތްތަކަށް ރައްޔިތުން އަހުލުވެރިކުރުމެވެ. އެގޮތުން ދުވާފަރާއި ކައިރި އަތޮޅުތަކަށް އަމާޒުކޮށްގެން ވައިބާ ކޮމިއުނިޓީ ގްރޫޕެއް ތައާރަފުކޮށް، މި ގްރޫޕް މެދުވެރިކޮށް އެތަނުގައި ދެމުންގެންދާ ހިދުމަތްތަކާއި ޕްރޮމޯޝަންތަކުގެ މައުލޫމާތު ހިއްސާކުރެވޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ.

މި ހަރަކާތްތަކުން ދުވާފަރާއި ކައިރި ރަށްރަށުގެ މަސްވެރިންނާއި ވިޔަފާރިވެރިންނަށް އެމްޑަބްލިޔުއެސްސީގެ އައިސް އަދި ތާޒާ ފެން ފަސޭހަކަމާއެކު ހޯދުމުގެ ފުރުސަތު މަގުފަހިވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. ދުވާފަރަކީ އެމްޑަބްލިޔުއެސްސީގެ އިންޓަގްރޭޓަޑް ޔުޓިލިޓީގެ ދަށުން ފެނާއި ނަރުދަމާ، ކަރަންޓާއި ކުނި މެނޭޖުކުރުމުގެ ހިދުމަތްތައް ފޯރުކޮށްދޭ ރަށެއް ކަމަށްވާއިރު، އެތަނުގައި އެ ކުންފުނީގެ ތާޒާ ފެނާއި އައިސް އުފައްދާ ކާރުހާނާއެއް ހުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.