ގއ. ދިޔަދޫގައި މަސައްކަތް ކުރަމުން ދިޔަ ވެމްކޯ މުވައްޒަފަކު ޖަނަރޭޓަރަކަށް ތެޔޮ އެޅުމުގެ މަސައްކަތުގައި އުޅެނިކޮށް ޑީސަލް ބޮވި، ފުއްޕާމެޔަށް ތެޔޮ އެޅިގެން އޭނާއަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާ ދެމުން އެބަ ގެންދެއެވެ.
ވެމްކޯގެ މެނޭޖިންގް ޑިރެކްޓަރު މުޖުތަބާ ޖަލީލް ވިދާޅުވި ގޮތުގައި މި ހާދިސާ ހިނގީ ޑީސަލް ހަމަކުން ތެޔޮ ނެގުމަށް ހޮޅިއެއް ލައި، އެ ހޮޅީގައި އަނގަ ޖަހައި ދަމާލި ވަގުތު އެވެ. އެ ވަގުތު އޭނާގެ އަނގަޔަށް ޑީސަލް އެޅި، ފުއްޕާމެޔަށް ވެސް ތެޔޮ ދިޔައީ އެވެ.
ފުރަތަމަ ގއ. ވިލިނގިލި ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް އެތަނުގައި އިތުރު ފަރުވާ ދެވެން ނެތުމުން ވަގުތުން މާލެ ގެނެސް އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާ ދެމުން ގެންދިޔައެވެ. މުޖުތަބާ ވިދާޅުވީ މިހާރު އެ މުވައްޒަފުގެ ހާލު ސްޓޭބަލް ކަމަށާއި، މިރޭ ވެންޓިލޭޓަރުން ނަގައި އައިސީޔޫއަށް ބަދަލުކުރާނެ ކަމަށް ހޮސްޕިޓަލުން އަންގާފައިވާ ކަމަށެވެ.
މި ހާދިސާ ހިނގީ މަސައްކަތް އަވަސްކުރަން އުޅުމުގެ ތެރޭގައި ކަމަށާއި، އެ ސައިޓުގައި ތެޔޮ އެޅުމުގެ ރައްކާތެރި އިންތިޒާމުތައް ހަމަޖެހިފައި ހުންނާނެ ކަމަށް ވެސް މުޖުތަބާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ