މާލޭ ސަރަޙައްދުގައި ފެން އުފެއްދޭ މިންވަރު އިތުރުކުރުމަށް، ފެން ރައްކާކުރެވޭ މިންވަރު އިތުރުކޮށް ފެން ފޯރުކޮށްދިނުމުގައި ބޭނުންކުރާ ވަސީލަތްތައް ހަރުދަނާކުރުމަށްޓަކާވެސް މުހިންމު މަސައްކަތްތަކެއް މި ސަރުކާރުން ކޮށްފައިވާކަމަށް އެމްޑަބްލިއުއެސްސީއިން މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ސަރުކާރުގެ 2 އަހަރުގެ ކާމިޔާބީއާ ގުޅޭގޮތުން ޕީއެސްއެމުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން އެންމެ މުހިންމު އެއްކަމެއްގެ ގޮތުގައި މާލެއާއި ހުޅުމާލެއާ ދެމެދު ފެނުގެ ކަނެކްޓިވިޓީ ގުޅާލުމަށް ޤާއިމުކުރާ ވިއުގަގެ މަސައްކަތް ނިންމުމަށް ކުރެވުނު ކަންކަން މަތީން ފާހަގަކުރެއްވިއެވެ. މިއީ މި ސަރުކާރު ޙަވާލުވިއިރުވެސް މަސައްކަތް ދިގުލައިގެންގޮސްފައިވާ މަޝްރޫޢެކެވެ.
މަތީން ވިދާޅުވީ، މިހާރު މި މަސައްކަތްވެސް ނިމުމަކާ ގާތްވެފައިވާއިރު، މި ވިއުގަ ޓެސްޓުކުރުމުގެ މަސައްކަތް އެކުންފުނިން ކުރަމުންދާކަމަށެވެ. އަދި އަމާޒަކީ މިއަހަރުގެ ނިޔަލަށް މަސައްކަތް އެއްކޮށް ނިންމާ، ވިއުގަ އެއްކޮށް ބޭނުންކުރަން ފެށުންކަމަށާއި، މިއީ މި ސަރަޙައްދުގައި ފެނުގެ ޚިދުމަތުގެ ޔަޤީންކަން ކަށަވަރުކުރުމަށް ހިންގޭ މުހިންމު މަޝްރޫޢެއްކަމަށް އޭނާ ވިދާޅުވިއެވެ.
މަތީން ވިދާޅުވީ، މާލޭ ސަރަޙައްދުގައި ފެން އުފެއްދޭ މިންވަރު އިތުރުކުރުމަށްޓަކާވެސް ކުރިއަށްގެންދާ އިތުރު 10،000 ޓަނުގެ ފެން ޕްލާންޓުގެ މަސައްކަތްވެސް މިހާރު ނިމުމަކާ ގާތްވެފައިވާކަމަށެވެ. އަދި ފެން ރައްކާކުރުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކާވެސް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހުޅުމާލޭގައި 10،000 ޓަނުގެ އެއް ތާންގީގެ މަސައްކަތް ނިންމާ މިހާރު ބޭނުންކުރަން ފަށާފައިވާކަމަށާއި، މިއީ ރާއްޖޭގައި މިވަގުތު ހުރި އެންމެ ބޮޑު އެއް ފެންތާންގީކަމަށް މަތީން ވިދާޅުވިއެވެ.
މަތީން ވަނީ ފެން އުފެއްދުމާއި، ފެން ރައްކާކުރުމާއި، ފެން ފޯރުކޮށްދިނުމުގެ ޤާބިލުކަން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއެކު، މިއީ މި ސަރަޙައްދުގެ ވޯޓަރ ސެކިއުރިޓީއަށްވެސް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ