މި 2 އަހަރުގެ ތެރޭގައި އެމްޑަބްލިއުއެސްސީއިން އެންމެ ބޮޑު އިސްކަމެއްދިނީ، އެކުންފުނިން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ޚިދުމަތުގެ ޔަޤީންކަން އިތުރަށް ކަށަވަރުކުރުމަށްކަމަށް އެމްޑަބްލިއުއެސްސީއިން މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ސަރުކާރުގެ 2 އަހަރުގެ ކާމިޔާބީއާ ގުޅޭގޮތުން ޕީއެސްއެމުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ. މި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މަތީން އިތުރަށް ވިދާޅުވީ މާލެއާއި ހުޅުމާލޭ ދެމެދު ޤާއިމުކުރަމުންދާ ފެނުގެ ކަނެކްޓިވިޓީ ވިއުގަ މިއަހަރުގެ ނިޔަލަށް ނިންމާ ބޭނުންކުރަން ފެށޭނެކަމަށެވެ.
ސަރުކާރުގެ ދެ އަހަރުގެ ކާމިޔާބީއާ ގުޅޭ މި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މަތީން ވިދާޅުވީ، މި މަސައްކަތް މިހާރު ނިމުމަކާ ގާތްވެފައިވާއިރު ވިއުގަ ޓެސްޓުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. މިއީ މި ސަރުކާރު ހަވާލުވިއިރުވެސް މަސައްކަތް ދިގުލައިގެން ގޮސްފައިވާ މަޝްރޫޢެއްކަމަށާއި، މިއީ މި ސަރަޙައްދުގައި ފެނުގެ ޚިދުމަތުގެ ޔަޤީންކަން ކަށަވަރުކުރުމަށް ހިންގޭ މުހިންމު މަޝްރޫޢެއްކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މާލޭ ސަރަޙައްދުގައި ފެން އުފެއްދޭ މިންވަރު އިތުރުކުރުމަށް ކުރިއަށްގެންދާ 10،000 ޓަނުގެ ފެން ޕްލާންޓުގެ މަސައްކަތްވެސް ނިމުމަކާ ގާތްވެފައިވާކަމަށާއި، ހުޅުމާލޭގައި 10،000 ޓަނުގެ އެއް ފެންތާންގީގެ މަސައްކަތް ނިންމާ ބޭނުންކުރަން ފަށާފައިވާކަމަށް މަތީން ވިދާޅުވިއެވެ. އެއީ ރާއްޖޭގައި މިވަގުތު ހުރި އެންމެ ބޮޑު ފެންތާންގީކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ