އަންނަ އަހަރުގެ އޭޕްރީލް ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ މަސައްކަތްތަކަށް 172 ވަގުތީ މުވައްޒަފުން ނެގުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު އިއުލާނު ކޮށްފިއެވެ. އިންތިހާބު ނިމެންދެން މަސައްކަތް ކުރާނެ މި މުވައްޒަފުންނަށް މުސާރައާއި އިނާޔަތްތަކާއި އިތުރު ގަޑީގެ ފައިސާ ވެސް ލިބޭނެ ކަމަށް އީސީން ބުންޏެވެ.
އީސީން ވަޒީފާއަށް ހުޅުވާލި ދާއިރާތަކުގެ ތެރޭގައި އޮފިސަރުންގެ 104 ވަޒީފާ، ސީނިއާ އޮފިސަރުންގެ 33 ވަޒީފާ، ކޮމްޕްލެއިންޓްސް ބިއުރޯ މެންބަރުންގެ 9 ވަޒީފާ، ޓެކް އޮފިސަރުންގެ 6 ވަޒީފާ، ސެކިއުރިޓީ އޮފިސަރުންގެ 6 ވަޒީފާ އަދި ޑްރައިވަރުންގެ 4 ވަޒީފާ ހިމެނެއެވެ. މީގެ އިތުރުން ގްރެފިކްސް ޑިޒައިނަރު، ފޮޓޯގްރާފަރު، މެއިންޓަނަންސް އޮފިސަރު، އަދި ލޮޖިސްޓިކް އޮފިސަރުންގެ ވަޒީފާތައް ވެސް ހިމެނެއެވެ.
މިފަހަރުގެ އިންތިހާބު ބާއްވަނީ ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އާ އިސްލާހުތަކާ އެއްގޮތަށެވެ. އާ ގާނޫނުގައި އާބާދީ 2000 އަށްވުރެ މަދު ރަށްތަކަށް ތިން ކައުންސިލަރުން އަދި އެއަށްވުރެ ބޮޑު ރަށްތަކަށް ފަސް ކައުންސިލަރުން ހޮވަން ޖެހޭގޮތަށް ބަޔާންކޮށްފައިވެއެވެ. އީސީގެ ވަގުތީ ރިޕޯޓުގައިވާ ގޮތުން 133 ރަށަކުން ތިން ކައުންސިލަރުން އަދި 46 ރަށަކުން ފަސް ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ. ޖުމްލަ 226 ދާއިރާއަކުން ކައުންސިލަރުންނާއި އަންހެނުންގެ ކޮމެޓީތަކަށް މެމްބަރުން ހޮވާނެއެވެ.
ކޮމެންޓު ފޮނުވާ