ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލެ 2 ގައި އިމާރާތް ކުރި އަމާން އުދަރެސް ޓަވަރުތަކުގެ ބައެއް ފްލެޓުތަކުގެ ފެން ބިލް އާދަޔާ ހިލާފަށް ބޮޑުވި މައްސަލައަކާ ގުޅިގެން އެފްޑީސީން މިރޭ ބުނީ އެ މައްސަލައަށް ހާއްސަ އިސްކަމެއް ދީގެން ހައްލު ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ބައެއް ފްލެޓުތަކުގެ މިދިޔަ މަހުގެ ފެން ބިލް 7،000 ރުފިޔާއަށް ވުރެ މައްޗަށް އަރާފައިވާ މައްސަލަ މީހުން ފެންމަތިކުރުމާ އެކު އެފްޑީސީން ބުންޏެވެ، އަސްލު ދެނެގަނެ ހައްލު ހޯދުމަށް ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. ފެން ބިލްގެ މައްސަލަ ފާހަގަވާ މީހުން އެފްޑީސީގެ ޓެނަންޓް ޕޯޓަލް ނުވަތަ hello@fdc އަށް އީމެއިލް ކޮށްގެން ހިއްސާކުރުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ.
އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން މުހައްމަދު ވިދާޅުވީ މިއީ އެފްޑީސީން ދައްކަންޖެހޭ ބިލްތަކެއް ކަމަށާއި ފެން މީޓަރުތައް އަދި އެފްޑީސީގެ ނަމުގައި ހުރި ކަމަށެވެ. އެފްޑީސީގެ އިސް އޮފިޝަލަކު ވިދާޅުވީ ފްލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރަނީ ފެން މީޓަރާއި ކަރަންޓު މީޓަރުގެ ފޮޓޯ ނަގައި ރަނގަޅަށް ބަލައި ކަމަށާއި މާދަމާ އެމްޑަބްލިއުއެސްސީގެ ޓީމުތައް ގޮސް މައްސަލަތައް ބަލައި ހައްލު ކުރާނެ ކަމަށެވެ. ފްލެޓުތައް ލިބުނު މީހުންގެ މައުލޫމާތު ވެސް އެމްޑަބްލިއުއެސްސީއާ ހިއްސާކޮށްފައިވާތީ، މީޓަރުތައް އެ ފްލެޓުތަކުގެ ވެރިފަރާތްތަކުގެ ނަމަށް ބަދަލުކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މިހާރު އަމާން އުދަރެސްގެ 11 ވަނައިން ފެށިގެން 16 ވަނަ ޓަވަރާ ހަމައަށް، ޖުމްލަ 6 ޓަވަރުގައި ހިމެނޭ 4،000 ފްލެޓު ލިބުނު މީހުންނަށް ތަޅުދަނޑި ދޫކުރުމުގެ މަސައްކަތް ކުރިއަށްދެއެވެ.
ކޮމެންޓު ފޮނުވާ