އަންނަ އަހަރުގެ އޭޕްރީލް 4 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ކުށާއި ދަރަނީގެ ރެކޯޑް ސާފުކުރަން ފޯމު ހުށަހަޅަންޖެހޭނީ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލުމުންކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފިއެވެ.
ކުށާއި ދަރަނީގެ ރެކޯޑް ސާފުކުރުމަށް މީގެ ކުރިން އީސީން ވަނީ މި މަހުގެ އެއްވަނަ ދުވަހުގެ ފަހުން ފޯމުތައް ބަލައިގަންނާނެކަމަށް ބުނެފައެވެ. އެހެންނަމަވެސް މިއަދު ކުރި އިއުލާނެއްގައި ބުނީ ރެކޯޑް ސާފުކުރުމުގެ މަގު ފަހިކޮށްދީފައިވީނަމަވެސް، އެކަމަށް އެދޭ ފޯމުތައް ހުށަހަޅަންޖެހޭނީ ކެންޑިޑޭސީ ހުޅުވާލުމުންކަމަށެވެ.
ކެންޑިޑޭޓުންނަށް ފޯމު ހުށަހެޅުމުގައި ފަސޭހަކުރުމުގެ ގޮތުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އަދި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީން ފުރިހަމަކޮށްފައިވާ ރެކޯޑް ސާފުކުރި ފޯމުތައް ބަލައިގަންނާނެކަމަށް އީސީން ބުނެއެވެ. މިފަދަ އިންތިޒާމުތައް ހަމަޖެއްސީ ގިނަ އަދަދެއްގެ ކެންޑިޑޭޓުން ކުރިމަތިލާ އިންތިހާބަށް ފަސޭހަކޮށްދިނުމަށްކަމަށް އީސީން ބުނެއެވެ.
ކޮމެންޓު ފޮނުވާ