ބައެއް ފަރާތްތަކުން ކާޑުލިމިޓް ނަހަމަގޮތުގައި ބޭނުންކުރަމުންދާކަން ފާހަގަކޮށް، މިކަމާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މި އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ބީއެމްއެލްއިން ދިވެހި ރުފިޔާ އެކައުންޓަށް ދޫކުރާ ޑެބިޓް ކާޑު ރާއްޖެއިން ބޭރުގައި ބޭނުންކުރެވޭ ހައްދު އިތުރުކޮށްފައިވެއެވެ. މި ބަދަލުގައި ކާޑު މެޝިނުގައި މަހަކަށް 1000 ޑޮލަރާއި، ޓިކެޓް، ހޮޓެލް ބުކިން އަދި ސިއްހީ ފަރުވާއަށް މަހަކަށް 3000 ޑޮލަރާ ހަމައަށް ލިމިޓް ކަނޑައެޅިފައިވެއެވެ. މިއީ ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ބަލައިގެން އެޅި ފިޔަވަޅެކެވެ.
ނަމަވެސް އެ ބޭންކުން ބުނީ، މި ލިމިޓްތައް ގިނަ ބަޔަކު ނަހަމަ ގޮތުގައި ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މީގެ ތެރޭގައި ބައެއް ކަސްޓަމަރުން އަމިއްލަ ކާޑުތައް އެހެން ފަރާތްތަކަށް ރާއްޖެއިން ބޭރުގައި ބޭނުންކުރުމަށް ދިނުމާއި، 100 އަށްވުރެ ގިނަ ކާޑު ބޭރު ގައުމަކަށް ގެންގޮސް ބޭރުފައިސާ ހޯދުމަށްޓަކައި ވަކި މާޗެންޓެއްގެ ކާޑު މެޝިނުގައި މުއާމަލާތްތައް ހިންގުން ހިމެނެއެވެ. އަދި ރާއްޖެއިން ބޭރަށް ދަތުރު ނުކުރާ ފަރާތްތަކުގެ ކާޑުތައް ބޭނުންކޮށްގެން ގިނަ އަދަދުތަކަށް ޓިކެޓް އަދި ހޮޓެލް ބުކިންއަށް ކަނޑައެޅިފައިވާ ލިމިޓް ބޭނުންކުރުމުގެ މައްސަލަވެސް ފާހަގަކުރެވިފައިވެއެވެ.
ބީއެމްއެލްއިން ހާމަކުރި ގޮތުގައި، ތިންވަނަ ފަރާތަކަށް ކާޑު ދިނުމާއި ނަހަމަގޮތުގައި ކާޑު ބޭނުންކުރުމަކީ ކާޑުގެ ވެރިފަރާތާއި ބޭންކާ ދެމެދު ވެފައިވާ އެއްބަސްވުމާ ހިލާފު އަމަލެކެވެ. ޕާސަނަލް ކާޑުން ބޭރުގެ މުއާމަލާތްތަކަށް ކަނޑައަޅާފައިވާ ލިމިޓަކީ އެ ކާޑުގެ ވެރިފަރާތެއްގެ އަމިއްލަ ބޭނުންތަކަށް ހަރަދުކުރުމަށް ދީފައިވާ ލިމިޓެއް ކަމަށްވާތީ، މިފަދަ މުއާމަލާތްތަކަކީ ފައިސާގެ މުއާމަލާތް ހިންގުމުގެ އުސޫލުތަކާ ހިލާފު މުއާމަލާތްތަކަށްވާކަން އެ ބޭންކުން ފާހަގަކުރެއެވެ.
އެހެންކަމުން، ކުރިއަށް އޮތްތަނުގައި މިފަދަ މުއާމަލާތްތައް ބަލައި ކަމާބޭހޭ ފަރާތްތަކަށް ހުށަހަޅައި ފިޔަވަޅު އެޅުމަށް ބީއެމްއެލްއިން ނިންމައިފިއެވެ. އަދި މިގޮތަށް ބޭނުންކުރާ ކާޑުތަކަށް ރާއްޖެއިން ބޭރުގައި ބޭނުންކުރުމަށް ކަނޑައެޅިފައިވާ ލިމިޓް ކަނޑާލުމާއި އެފަދަ މާޗެންޓްތަކުގައި މުއާމަލާތް ނުކުރެވޭގޮތް ހެދުންފަދަ ފިޔަވަޅުތަކެއް ބޭންކުން އަޅަންޖެހިދާނެ ކަމަށްވެސް އެ ބޭންކުން ބުންޏެވެ.
ބީއެމްއެލްއިން ވަނީ ކާޑުގެ ވެރިފަރާތުގެ އެކައުންޓްގެ ރައްކާތެރިކަމަށާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރެވޭކަން ކަށަވަރުކުރުމަށާއި، މިފަދަ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ދެމުން ގެންދެވޭނެ ގޮތް ހަމަޖެއްސުމަށްޓަކައި، އަމިއްލަ ކާޑު އެހެން ފަރާތްތަކުން ފައިދާ ނެންގެވުމަށް ނުދިނުމަށް ކަސްޓަމަރުންގެ އަރިހުން އިލްތިމާސްވކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ