ތޫފާން ދީތުވާ: އެންމެ ބޮޑު އެހީއެއް ލަންކާ އަށް އެހީވީ ރާއްޖެ އިން

ތޫފާން ދީތުވާ: އެންމެ ބޮޑު އެހީއެއް ލަންކާ އަށް އެހީވީ ރާއްޖެ އިން

Author
އަހުމަދު
06 ޑިސެމްބަރ 2025 09:43
0

ސްރީ ލަންކާ އަށް މިދިޔަ ހަފުތާގައި ކުރި ތޫފާން ދީތުވާގެ ވިއްސާރައިގައި ފެން ބޮޑުވެ ލިބުނު ބޮޑެތި ގެއްލުންތަކުން އަރައިގަތުމަށް ދުނިޔޭގެ ގައުމުތަކުން އެކި ގޮތްގޮތުން އަންނީ އެހީވަމުންނެވެ. މިހާތަނަށް ލަންކާ އަށް ލިބިފައިވާ ބޭރުގެ އެހީގެ މުޅި އަދަދު 6.5 މިލިއަން ޑޮލަރަށް އަރާކަން ލަންކާގެ ނޫސްތަކުން މިއަދު ރިޕޯޓުކޮށްފައިވެ އެވެ.

ދިވެހި ސަރުކާރާއި ރާއްޖޭގެ އަމިއްލަ ފަރާތްތަކުން ލަންކާ އަށް ދީފައިވާ އެހީގެ އަދަދަކީ 2.4 މިލިއަން ޑޮލަރު ކަމަށާއި، އެއީ އެއް ގައުމަކުން ލިބުނު އެންމެ ބޮޑު އެހީކަން ނޫސްތަކުގައި ފާހަގަކޮށްފައިވެ އެވެ. ދިވެހި ސަރުކާރުން 50،000 ޑޮލަރާއި 25،000 މަސްދަޅު ކޭސް އިއްޔެ ހަވާލުކުރި އެވެ. މީގެ އިތުރުން ޕީއެސްއެމުން އިސްވެ ބޭއްވި ޓެލެތޯނަށް 800،352 ޑޮލަރު ލިބުނު އެވެ. އަދި ސަން ކުންފުންޏާއި ވިލާ ގްރޫޕް ފަދަ އަމިއްލަ ވިޔަފާރިތަކުން ވެސް އެހީތައް ދީފައިވެ އެވެ.

ތޫފާނުގައި 600 އަށް ވުރެ ގިނަ މީހުން މަރުވެ، 200 އާ ގާތްކުރާ އަދަދަކަށް މީހުން ގެއްލިފައިވާއިރު، އެތައް ލައްކަ ބަޔަކު ހާލުގައި ޖެހިފައިވެ އެވެ. 2004 ގެ ސުނާމީގެ ފަހުން ލަންކާ އަށް ކުރިމަތިވި އެންމެ ގެއްލުން ބޮޑު ކާރިސާ އަކީ މިއީކަން ލަންކާގެ އިދާރާތަކުން ބުނެ އެވެ.

ރާއްޖެ އަށްފަހު، ޗައިނާ އިން 1.1 މިލިއަން ޑޮލަރާއި އެމެރިކާ އިން ދެ މިލިއަން ޑޮލަރު ދޭނެކަމަށް ވަނީ އިއުލާނުކޮށްފަ އެވެ. އޮސްޓްރޭލިއާ އިން އެއް މިލިއަން ޑޮލަރާއި އިނގިރޭސިވިލާތުން 675،000 ޔޫރޯ ވެސް ދީފައިވެ އެވެ. ލަންކާ ސަރުކާރުން ބުނާ ގޮތުގައި ގެއްލުންތަކުން އަރައިގަތުމަށް ޖުމްލަ ހަތް ބިލިއަން ޑޮލަރު ބޭނުންވާނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.