ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓްތަކުގެ ތެރެއިން އުދަރެސްގެ 5 ޓަވަރެއްގެ ތަޅުދަނޑި މިމަހުގެ ދެވަނަ ހަފްތާގައި ހަވާލުކުރުމަށް ތައްޔާރުވަމުންދާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.
އެފްޑީސީން ޕީއެސްއެމް ނިއުސްއާ ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، މިމަހުގެ ދެވަނަ ހަފްތާގައި އުދަރެސް ޓަވަރު 11، 12، 13، 15 އަދި 16ގެ ތަޅުދަނޑި ހަވާލުކުރާނެއެވެ. އެއަށްފަހު ޑިސެންބަރުގެ ފަހު ހަފްތާއާއި ޖެނުއަރީ މަހުގެ ތެރޭގައި ދޯދި އަދި އުދަރެސްގެ އެހެން ޓަވަރުތައް ހަވާލުކުރަމުންދާނެއެވެ. މިހާރު ގިނަ ޓަވަރުތަކުގައި ކުރިއަށްދަނީ ޔުޓިލިޓީ ހިދުމަތްތައް ޓެސްޓުކުރުމުގެ މަސައްކަތެވެ.
ސަރުކާރުން ވަނީ ގަވާއިދުން ކުލި ދައްކާ ފަރާތްތަކަށް ބޮޑު ސަބްސިޑީއެއް ދިނުމަށް ނިންމާފައެވެ. އެގޮތުން 3 ކޮޓަރީގެ އެޕާޓްމަންޓަށް މަހަކު 9000 ރުފިޔާ އަދި 2 ކޮޓަރީގެ އެޕާޓްމަންޓަށް 7000 ރުފިޔާ ދެއްކުމުން ފުދޭނެއެވެ. އެފްޑީސީން ބުނީ މި ތާވަލަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އައުން އެކަށީގެންވާ ކަމަށާއި، އަމާޒަކީ ޖެނުއަރީ ނިމުމުގެ ކުރިން ހުރިހާ ފްލެޓެއް ހަވާލުކުރުން ކަމަށެވެ.
ކޮމެންޓު ފޮނުވާ