ލ. ގަމު ފެނަކަ އިންޖީނުގޭގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއެއްގައި މުޅި ރަށުން ކަރަންޓު ކެނޑިއްޖެއެވެ. މި ހާދިސާގައި އަލިފާން ރޯވެފައިވަނީ އިންޖީނުގޭގެ އެނެކްސް އެކެއްގައެވެ. ފެނަކައިން ބުނީ އެނެކްސް ދޭއްކަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.
ފެނަކައިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ރަށަށް ކަރަންޓު ދޭ ފަސް އިންޖީނުގެ ތެރެއިން ގެއްލުން ލިބިފައިވަނީ އެންމެ އިންޖީނަކަށް ކަމަށެވެ. އަދި މައްސަލަތައް ހައްލުކޮށް މިރޭގެ ވަގުތެއްގައި ރަށުގެ ބޮޑު ބަޔަކަށް ކަރަންޓު ދެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މީގެ އިތުރުން ފެނަކައިން ބުނީ މިހާރު އެ ރަށަށް ފެނުގެ ޚިދުމަތް އަލުން ދޭން ފަށާފައިވާ ކަމަށާއި ނަރުދަމާ ނިޒާމުގައި މައްސަލައެއް ހުރިތޯ ބެލުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ. މި ހާދިސާގެ ސަބަބުން ރައްޔިތުންނަށް ދިމާވި ދަތިތަކަށް ފެނަކައިން ވަނީ މައާފަށް އެދިފައެވެ.
ކޮމެންޓު ފޮނުވާ