ކްރިމިނަލް ކޯޓުގެ ޤާޒީ ހުސައިން ފާއިޒް ރަޝާދު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މި ނިންމުން ފާސްވީ 56 މެންބަރުންގެ ވޯޓާއެކުގައެވެ. މިކަމާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ އަށް މެންބަރުންނެވެ.
ޤާޒީ ފާއިޒް ވަކިކުރީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ބެލި ދެ މައްސަލައަކާ ގުޅިގެންނެވެ. އެއީ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅޭ ކަމަށް ތުހުމަތުކުރެވޭ މީހަކު ބަންދުން ދޫކޮށްލުމާއި، ނަރުސް މޭރީ ގްރޭސް މަރާލި މައްސަލައިގައި ހައްޔަރުކޮށްފައި ހުރި ލަމްހާގެ ބަންދާ މެދު އަމަލުކުރެއްވި ގޮތެވެ. ލަމްހާ ދެ ފަހަރެއްގެ މަތިން ބަންދުން ދޫކޮށްލެއްވުމުން ހައި ކޯޓުން ވަނީ އެ ނިންމުންތައް ބާތިލުކޮށްފައެވެ.
މިދިޔަ އޮކްޓޯބަރު މަހު ފާއިޒް 60 ދުވަހަށް ސަސްޕެންޑްކުރުމަށްފަހު، ޖޭއެސްސީން ވަނީ އޭނާ ވަކިކުރުމަށް މަޖިލީހަށް ހުށަހަޅާފައެވެ. ޖުޑީޝަރީ ކޮމެޓީން ނިންމީ ޖޭއެސްސީން ހުރިހާ އިޖުރާއަތެއް ފުރިހަމަކޮށްފައިވާ ކަމަށެވެ.
ކޮމެންޓު ފޮނުވާ