އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ލޭގެ ބައެއް ޓެސްޓުތައް ހެދުމަށް ބޭނުންވާ ސާމާނު ނެތުމުގެ ސަބަބުން ނަފްސާނީ ބަލި މީހުންނަށް ފަރުވާ ދިނުމަށް ހުރަސް އެޅެމުންދާ ކަމުގެ ޝަކުވާ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ހުށަހަޅައިފިއެވެ.
މި މައްސަލަ ހުށަހެޅުއްވީ މާވަށު ދާއިރާގެ އެމްޑީޕީ މެންބަރު އަހްމަދު ޝާކިރެވެ. މަޖިލީހުގެ ރައީސް އަބްދުއްރަހީމަށް ފޮނުއްވި ސިޓީގައި ޝާކިރު ވިދާޅުވީ، 18 އަހަރުގެ ނަފްސާނީ ބައްޔެއް ހުރި ކުއްޖަކު 200 އަށް ވުރެ ގިނަ މީހުންގެ ކިޔޫގައި މަޑުކޮށް ލޭ ނަގަން ދިޔަ ވަގުތު، ޓެސްޓު ނުހެދޭނެ ކަމަށް އެންގި ކަމަށެވެ.
އައިޖީއެމްއެޗްގެ ލެބޯޓަރީގައި މިވަގުތު ލިތިއަމް ޓެސްޓް ހެދުމަށް ބޭނުންވާ ރީއޭޖެންޓް ނެތް ކަމަށާއި، ސްޓްރޯކް ޖެހޭ ބަލި މީހުންގެ ލޭ ދިޔާކުރާ މުހިންމު ބޭސްވެސް ރާއްޖޭގައި ނެތް ކަމަށް ސިޓީގައި ފާހަގަކުރައްވާފައިވެއެވެ. އެހެންކަމުން މި މައްސަލަ ބައްލަވައި، ހޮސްޕިޓަލުގެ ވެރިންގެ ކިބައިން މައުލޫމާތު ހޯއްދެވުމަށް ޝާކިރު ވަނީ އެދިވަޑައިގެންފައެވެ.
ކޮމެންޓު ފޮނުވާ