ކުރީގެ ނައިބު ރައީސުންނަށް ދައުލަތުން އިނާޔަތްތަކެއް ދިނުމަށް "ކުރީގެ ރައީސުންނަށް އިނާޔަތާއި ރައްކާތެރިކަން ދިނުމުގެ ގާނޫނު"އަށް މިއަދު އިސްލާހެއް ހުށަހަޅައިފިއެވެ. ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި މި އިސްލާހުގެ ބިލުގެ ފުރަތަމަ ކިޔުން މިއަދު ވަނީ އިއްވާފައެވެ.
މި އިސްލާހުގައި، ރިޔާސީ ދައުރު ފުރިހަމަކޮށް ނައިބު ރައީސްކަމުގެ ދައުރު ފުރިހަމަ ކުރައްވާ ބޭފުޅުންނަށް އިނާޔަތް ދިނުމަށް ހަމަޖައްސައިފައިވާއިރު، ޖިނާއީ އެއްވެސް ހުކުމެއް ކޮށްފައިވާ ނުވަތަ ތަންފީޒުކޮށްފައިވާ ނައިބު ރައީސުންނަށް މި އިނާޔަތް ނުލިބޭ ގޮތަށް ހަމަޖެހިފައިވެއެވެ. މި އިސްލާހު ފާސްވެއްޖެނަމަ، އެ ޝަރުތު ހަމަވަނީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ފަސް އަހަރުގެ ދައުރު ފުރިހަމަކުރައްވައި ނައިބު ރައީސްކަން ކުރެއްވި ފައިސަލް ނަސީމަށް އެކަންޏެވެ.
ކުރީގެ ނައިބު ރައީސުންގެ ގޮތުގައި ތިއްބެވި މުހައްމަދު ވަހީދު، މުހައްމަދު ވަހީދުއްދީން، ޑރ. މުހައްމަދު ޖަމީލް އަހުމަދު، އަބްދުﷲ ޖިހާދު އަދި އަހުމަދު އަދީބު ފަސް އަހަރުގެ ދައުރު ފުރިހަމަ ކުރައްވައިފައެއް ނުވެއެވެ. އެހެންކަމުން، ހުށަހެޅިފައިވާ ގޮތަށް ބަލާއިރު، އެ ބޭފުޅުންނަށް މި އިނާޔަތްތައް ލިބިވަޑައިނުގަންނަވާނެއެވެ.
މި އިސްލާހުގައި ކުރީގެ ރައީސުންގެ އޮފީސް ހިންގުމަށް ކޮންމެ މަހަކު ދައުލަތުން ދޭ 175،000 ރުފިޔާ ހަރަދުކުރުމުގެ ނިޒާމު އުވާލައި، ގާނޫނުގެ 8 ވަނަ މާއްދާ އުވާލުމަށް ހިމަނާފައި ވެއެވެ. މިގޮތުން، މަގާމުގައި ތިއްބެވި އިރު ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެއްޖެނަމަ، އެ ބޭފުޅަކަށް ގާނޫނުގެ ދަށުން ލިބެމުންދިޔަ ހުރިހާ އިނާޔަތްތަކާއި ރައްކާތެރިކަން ވަގުތުން ކަނޑާލެވޭނެއެވެ.
ކޮމެންޓު ފޮނުވާ