ލުބުނާނުގެ ދެކުނުގައި އޮންނަ ފަލަސްތީނުގެ ރެފިއުޖީ ކޭމްޕަކަށް އިސްރާއީލުން އަންގާރަ ދުވަހު ދިން ޑްރޯން ހަމަލާއެއްގައި މަދުވެގެން ފަލަސްތީނުގެ 13 މީހުން ޝަހީދުވެ، ހަތަރު މީހަކު ޒަޚަމްވެއްޖެ ކަމަށް ލުބުނާނުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ.
ދައުލަތުގެ ނޫސް އެޖެންސީން ރިޕޯޓުކުރި ގޮތުގައި، ސައިޑާ ސިޓީގެ ކައިރީގައި ހުންނަ އައިން އަލް-ހިލްވެ ރެފިއުޖީ ކޭމްޕުގައި އޮތް މިސްކިތެއްގެ ޕާކިން ސަރަޙައްދުގައި އޮތް ކާރަކަށް މި ހަމަލާ އަމާޒުވެފައިވެއެވެ. ޒަޚަމްވި މީހުން އެމްބިއުލާންސްތަކުން ކައިރީގެ ހޮސްޕިޓަލްތަކަށް ގެންދަމުން އަންނަ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
އިސްރާއީލުން ބުނީ އެ ކޭމްޕުގައި ހުންނަ ތަމްރީނު މަރުކަޒެއްގައި ހަރަކާތްތެރިވާ ޙަމާސްގެ މެމްބަރުންތަކަކަށް މި ހަމަލާ ދިނީ ކަމަށެވެ. އެކަމަކު ޙަމާސްއިން މި ދަޢުވާ ދޮގުކޮށް، ލުބުނާނުގެ ރެފިއުޖީ ކޭމްޕުތަކުގައި އެމީހުންގެ އެއްވެސް ތަމްރީނު މަރުކަޒެއް ނެތް ކަމަށާއި، މީ ކުށެއް ނެތް ފަލަސްތީނު ރައްޔިތުންނަށް ދިން ވަޙްޝީ ހަމަލާއެއް ކަމަށް ބުނެފައިވެއެވެ.
އަންގާރަ ދުވަހު ލުބުނާނުގެ ދެކުނުގެ އެހެން ސަރަޙައްދުތަކުގައި ވެސް އިސްރާއީލުން ކާރުތަކަކަށް ދިން ހަމަލާތަކުގައި އިތުރު ދެ މީހަކު މަރުވެފައިވެއެވެ. 2023 އޮކްޓޯބަރުން ފެށިގެން ޣައްޒާއަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 69،483 މީހުން ޝަހީދުވެ، 170،706 މީހުން ޒަޚަމްވެފައިވެއެވެ.
ކޮމެންޓު ފޮނުވާ