ކޮންމެ ސަރުކާރެއް އައިސް ވެސް އައްޑޫ ތަރައްގީ ކޮށްދޭނެ ވާހަކަ ދައްކާއިރު، އެކަން ހަގީގަތަކަށް ނުވާ ކަމަށާއި މި ސަރުކާރުން އެ ކަންތައް ކޮށްދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޓރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީން ރޭ މާލޭގައި ބާއްވާފައިވާ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އައްޑޫގެ ތަރައްގީއަކީ އަބަދު ވެސް ބިލާހަކަށް ހަދާފައި އޮންނަ ކަމެއް ކަމަށާއި ކޮންމެ ސަރުކާރަކުން ވެސް އައްޑޫ ތަރައްގީ ކޮށްދޭނެ ކަމަށް ބުނި ނަމަވެސް އެ ޒިންމާ ފުރިހަމަ ނުވާ ކަމަށެވެ. އެހެން ނަމަވެސް އެމަނިކުފާނު އެކަން ނުކުރައްވާނެ ކަމަށާއި މިއަދާ ހަމައަށް އައި އިރު ވެސް އައްޑޫ ރައްޔިތުންނާ ގާތުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ފާހަގަކުރެއްވީ ދާދި ފަހުން ވެސް އައްޑަށް ވަޑައިގެން އައްޑޫގެ ކުރިއެރުންތަކާ ގުޅޭ މަޝްރޫއުތަކުގައި ސޮއިކުރައްވާފައިވާ ކަމަށެވެ. އެގޮތުން އައްޑޫގައި ޓޫރިޒަމް ފުޅާކުރުމަށް މިހާރު އެތައް ކަންތައްތަކެއް ފަށާފައިވާ ކަމަށާއި ހުޅުދާއި މީދޫގެ ރައްޔިތުން ބޭނުންވާ ގޮތަށް ވަކި ކައުންސިލްތަކެއް ހެދުމަށް ނިންމާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އައްޑޫގެ ވިޔަފާރިވެރިންނާއި ޒުވާނުންނަށް އިގްތިސާދީ ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި ކަސްޓަމް ޑިއުޓީއާއި އެހެނިހެން ކަންކަމުގައި ދެވިދާނެ ލުއިތައް ދިރާސާކުރަމުން އަންނަ ކަމަށާއި އެކަން ދާދި އަވަހަށް އިއުލާން ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އައްޑޫގެ ތަރައްގީއަށް މި ސަރުކާރުން ހިންގަން ނިންމާފައިވާ އެންމެ ބޮޑު މަޝްރޫއަކީ ހުޅުމީދޫއާއި ހިތަދޫއާ ދެމެދު ބްރިޖެއް އެޅުމެވެ. މި މަޝްރޫއުގެ ކޮންސަލްޓަންސީ މިހާރު ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޓީވައި ލިންއާ ހަވާލުކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ