ރައްޔިތުންނާ ގުޅިލާމެހިގެން މެނުވީ ފުލުހުންގެ ހިދުމަތް މުޖުތަމައުއަށް ދެވޭނެ ގޮތެއް ނޯންނާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވެއްޖެއެވެ.
ރ. އިންނަމާދޫގައި ގާއިމްކުރި ފުލުހުންގެ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީޕީ ވިދާޅުވީ ފުލުހުންގެ މުއައްސަސާއަކީ ފުލުހުން އެކަނި ތިބެގެން ހިދުމަތްކުރެވޭނެ ތަނެއް ނޫންކަމަށެވެ. ފުލުހުންގެ ހިދުމަތުގައި އެންމެ ބޮޑު އެއްބާރުލުމާއި ހަވާލުވާނެ ބަޔަކީ ރައްޔިތުންކަމަށާއި، މިހިނގާ ހިދުމަތަކީ ރައްޔިތުންނާއި ފުލުހުން ގުޅިގެން ދެވޭ ހިދުމަތެއްކަމަށް ސީޕީ ވިދާޅުވިއެވެ.
ފުލުހުންގެ ހިދުމަތް ފުޅާވަމުން އަންނައިރު، ފުލުހުންނާއި ރައްޔިތުން އެކުވެރިންގެ ހައިސިއްޔަތުން އެކަކު އަނެކަކަށް އިހުތިރާމުކުރަމުން ގުޅުން ބަދަހިކުރަންޖެހޭކަން ސީޕީ ފާހަގަކުރެއްވިއެވެ. ފުލުހުންގެ ޒިންމާއަކީ ހަމައެކަނި ގާނޫނު ތަންފީޒުކުރުން އެކަނި ނޫންކަމަށާއި، އޭގެތެރޭގައި މުޖުތަމައާ ގުޅުން ބަދަހިކުރުން ހިމެނޭކަމަށް ސީޕީ ވިދާޅުވިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތަކީ ތަހުޒީބުވެފައިވާ މުޖުތަމައަކަށް ހިދުމަތްކުރުމަށް ތަމްރީނުވެ ތައްޔާރުވަމުން، ޒަމާނީ ބަދަލުތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ ކިބައިގައި އެބަހުރިކަމަށް ސީޕީ ވިދާޅުވިއެވެ. ފުލުހުންގެ މުއައްސަސާ 2004 ވަނަ އަހަރުން ފެށިގެން 21 އަހަރު ވެގެންދިޔައިރު، މީހުން ދިރިއުޅޭ ރަށްރަށަށް ހިދުމަތް ގާތުން ފޯރުކޮށްދިނުމަށް 187 ރަށުގައި ފުލުހުންގެ ހިދުމަތް ގާއިމުކޮށްފައިވާކަން ސީޕީ ފާހަގަކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ