ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހުންނަ ޑްރަގު ވިޔަފާރީގައި އުޅޭ ހުރިހާ ފަރާތްތަކުގެ ފަހަތުން ފުލުހުން ދާނެކަމުގެ ޔަގީންކަން ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން މިއަދު ދެއްވައިފިއެވެ. މިއީ 'އޮޕަރޭޝަން އަލި މަގު’ގެ ނަމުގައި ރާއްޖޭގެ ފަސް ސަރަހައްދަކަށް 500 އަށް ވުރެ ގިނަ އޮފިސަރުން ބައިވެރިވެގެން ހިންގި ތާރީހީ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
ރައީސް މުހައްމަދު މުއިއްޒުގެ އެންގެވުމުގެ މަތިން މިއަދު ހެނދުނު ފެށި މި އޮޕަރޭޝަންގައި ބޮޑެތި ރަށްތަކުގައި އޮޕަރޭޝަން ހިންގާފައިވާއިރު، ކުރިއަށް އޮތް ތަނުގައި ކުދި ރަށްތަކުގައި ވެސް މި އޮޕަރޭޝަން ފުޅާކުރާނެކަމަށް ނަވީން ވިދާޅުވިއެވެ. ޕީއެސްއެމްއަށް މިއަދު ދެއްވި ހާއްސަ އިންޓަވިއުގައި ނަވީން ފާހަގަކުރެއްވި ގޮތުގައި، މިއީ ޑްރަގާ ދެކޮޅަށް ރާއްޖޭގައި ހިންގާފައިވާ އެންމެ ބޮޑު އޮޕަރޭޝަނެވެ.
ފުލުހުންގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާވުމުން، ރައްޔިތުންގެ ފަރާތުން ކުށުވެރިންނާ ގުޅޭ މައުލޫމާތުތަކެއް ލިބެމުންދާތީ އެ މައުލޫމާތު ދިރާސާކޮށް މިފަދަ ބޮޑު އޮޕަރޭޝަނެއް ހިންގުމަށް ނިންމި ކަމަށް އޭނާ ވިދާޅުވިއެވެ. މިއަދު އެކަނި މި އޮޕަރޭޝަން ނުނިމޭނެކަމަށާއި، ރާއްޖެއަށް ޑްރަގު ޓްރެފިކް ކުރާ ފަރާތްތަކާއި އެއް ރަށުން އަނެއް ރަށަށް ގެންދާ ފަރާތްތަކާއި ޑިސްޓްރިބިއުޓް ކުރާ ހުރިހާ ފަރާތްތަކުގެ ފަހަތުން ދާނެކަމަށް ނަވީން ވިދާޅުވިއެވެ.
މި އޮޕަރޭޝަންގައި 97 މީހަކު ހައްޔަރުކޮށް 86 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، މި އަދަދު އިތުރުވާނެކަމަށް ނަވީން ފާހަގަކުރެއްވިއެވެ. ނަވީން ވިދާޅުވި ގޮތުގައި މި އޮޕަރޭޝަންގެ އަމާޒަކީ ޑްރަގު ވިޔަފާރީގައި އުޅޭ ހުރިހާ އެންމެން ހޯދައި، ނެޓްވޯކްތައް ރޫޅާލައި، ގާނޫނުގެ ކުރި މައްޗަށް ގެނައުމެވެ.
ކޮމެންޓު ފޮނުވާ