ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކުރައްވާކަން މިރޭ އިއުލާނުކުރައްވައިފިއެވެ. ސިޔާސީ ދާއިރާގައި ދުރުގައި ހުންނަވައި، ހުކުރު ދުވަހުގެ ރޭ ޕީއެންސީގެ ޖަލްސާއަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ ޖާބިރު ވަނީ ވީޑިއޯ މެސެޖެއް ކުރައްވައި ސޯޝަލް މީޑިއާގައި ހިއްސާކުރައްވައިފައެވެ.
ޕީއެންސީ ހަރުގެ ކުރިމަތީގައި ރިކޯޑްކުރި އެ ވީޑިއޯގައި ޖާބިރު ވިދާޅުވީ، ސަރުކާރުން ރާއްޖެ ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތް ގާތުން ބައްލަވާ ކަމަށާއި، ރައީސް މުއިއްޒުގެ މުރާލިކަމާއި ހީވާގިކަމާއެކު މަޝްރޫއުތައް ކުރިއަށްދާ ގޮތަށް ބަލަމުން ގެންދަވާ ކަމަށެވެ. ރާއްޖެ ބަނގުރޫޓުވާން ކައިރިވެފައި އޮއްވައި ނަގައި ކޮޅަށް ޖެހުމަށް ރައީސް ކުރައްވާ މަސައްކަތަށް އެއްބާރުލުން ދެއްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކާށިދޫ ދާއިރާގެ މެންބަރުކަން ދެ ފަހަރެއް މަތިން ކުރެއްވި ޖާބިރު އެންމެ ފަހުން ހުންނެވީ އެމްޑީޕީގައެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެމްޑީޕީން އޭނާ ވަކިކުރީ، ރައްޔިތުންނާ ބޭއަދަބީ ބަހުރުވައިން މުއާމަލާތްކޮށް މަސްލަހަތު ގެއްލޭ ގޮތަށް އަމަލުކުރައްވާ ކަމަށް ބުނެއެވެ. ނަވާރަވަނަ މަޖިލީހަށް ޖާބިރު އިންތިޚާބުވެވަޑައިގެންނެވީ އަމިއްލަ މެންބަރެއްގެ ގޮތުގައެވެ.
ކޮމެންޓު ފޮނުވާ