ލީގަލް އޮފިސަރުންގެ މުސާރައިގައި ކުރިއަށްވުރެ މަދުވި ކަމަށް ބުނެ ޕެޓިޝަނެއް

ލީގަލް އޮފިސަރުންގެ މުސާރައިގައި ކުރިއަށްވުރެ މަދުވި ކަމަށް ބުނެ ޕެޓިޝަނެއް

Author
ހުސައިން
11 ނޮވެމްބަރ 2025 10:20
0

މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ސިވިލް ސާވިސްގެ 20،000އަށްވުރެ ގިނަ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލުން ލީގަލް އޮފިސަރުންނަށް އޭގެ ފައިދާއެއް ނުވާ ކަމަށް ބުނެ ޖުމުލަ 81 ލީގަލް އޮފިސަރުން ސޮއިކޮށްގެން ޕެޓިޝަނެއް ރައީސް އޮފީސާއި ރައްޔިތުންގެ މަޖިލީހާއި ސިވިލް ސާވިސް ކޮމިޝަން ހިމެނޭ 10 ތަނަކަށް ހުށަހަޅައިފިއެވެ.

ދައުލަތުގެ އެކި އިދާރާތަކާއި ލޯކަލް ކައުންސިލްތަކުގައި މަސައްކަތްކުރާ ލީގަލް އޮފިސަރުން އެ ޕެޓިޝަނުގައި ފާހަގަކުރި ގޮތުގައި އަލަށް ގެނައި ބަދަލުގެ ސަބަބުން އެ މުވައްޒަފުންނަށް ލިބެން ޖެހޭ ބައެއް އިނާޔަތްތައް މަދުވެ، އިތުރު ގަޑީގެ ފައިސާ ކެޕްކުރުމާއި ޖޮބް މެޓްރިކްސްއަށް ގެނައި ބަދަލުގެ ސަބަބުން ލިބޭ ޖުމުލަ މުސާރަ ކުރިއަށްވުރެވެސް ވަނީ ކުޑަވެފައެވެ. ލީގަލް އޮފިސަރުން މީގެ ކުރިން ހަތަރު ފަންތިއަކަށް ބަހާލާފައިވީ ނަމަވެސް މިހާރު ގެނައި ބަދަލުގެ ސަބަބުން މަގާމު ދަށްކޮށް ދެ ފަންތިއަކަށް ވަނީ ބަހާލައިފައެވެ.

ލޯކަލް ކައުންސިލްތަކުގައި މަސައްކަތްކުރާ ފުރަތަމަ ގްރޭޑްގައި ތިބި ލީގަލް އޮފިސަރުންނަށް ކުރިން ޖުމުލަ 19،161 ރުފިޔާ ލިބެމުން ދިޔައިރު މިހާރު ލިބޭނީ 18،920 ރުފިޔާއެވެ. މަތީ ގްރޭޑްގައި ތިބި ލީގަލް އޮފިސަރުންނަށް ކުރިން ޖުމުލަ 20،220 ރުފިޔާ ލިބެމުން ދިޔައިރު މިހާރު ލިބޭނީ 18،920 ރުފިޔާއެވެ. ޕެންޝަން އުނިކޮށް އިތުރު ގަޑީގެ ފައިސާ ކެޕްކުރުމުން ވެސް ލިބޭ ގެއްލުމެއް ވެއެވެ.

ޕެޓިޝަނުގައި އިތުރަށް ފާހަގަކޮށްފައިވަނީ ޕްރައިވެޓް ޕްރެކްޓިސްކުރުން މަނާކުރީ ނަމަވެސް ނޮން-ޕްރެކްޓިސް އެލަވަންސެއް ނުލިބުމާއި، ހިދުމަތުގެ މުއްދަތަށް ބަލައި ދެމުން ދިޔަ ސްޓެޕް އެލަވަންސް އުނިކުރުމުގެ ސަބަބުން އެތައް އަހަރަކު މަސައްކަތްކޮށްފައިވާ މުވައްޒަފަކާއި އަލަށް ނުކުންނަ މުވައްޒަފަކު އެއްވަރުވުމާއި، މާސްޓާސް ޑިގްރީ ފެންވަރުގައި ކިޔަވާފައި ތިބި ލީގަލް އޮފިސަރުންނަށް އެހެން ދާއިރާތަކުގައި ޑިޕްލޮމާ ފެންވަރަށް ކިޔަވައިގެން ތިބި މުވައްޒަފުންނަށް ލިބޭ ވަރުގެ މުސާރައެއް ލިބުމުގެ ކަންބޮޑުވުންތަކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.