ރާއްޖޭގެ ކަނޑުގައި ދުއްވާ ކޮޅުވެއްޓިތަކާއި ޓަގުބޯޓުފަހަރު މިހާތަނަށް ދުއްވަމުން އައީ ގާބިލުކަމެއް ނެތް ކެޕްޓަނުން: މިނިސްޓްރީ

ރާއްޖޭގެ ކަނޑުގައި ދުއްވާ ކޮޅުވެއްޓިތަކާއި ޓަގުބޯޓުފަހަރު މިހާތަނަށް ދުއްވަމުން އައީ ގާބިލުކަމެއް ނެތް ކެޕްޓަނުން: މިނިސްޓްރީ

Author
ޙަސަން މުޙައްމަދު
07 ނޮވެމްބަރ 2025 09:20
0

މިދިޔަ އާދީއްތަ ދުވަހު މާލޭގެ އެމްޕީއެލް މައި ބަނދަރު ކައިރީގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ދެ މީހަކު ނިޔާވި ހާދިސާއާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން ރޭ ބުނީ ރާއްޖޭގެ ކަނޑުގައި ދުއްވާ ކޮޅުވެއްޓިތަކާއި ޓަގުބޯޓުފަހަރު މިހާތަނަށް ދުއްވަމުން އައީ ގާބިލުކަމެއް ނެތް ކެޕްޓަނުން ކަމަށެވެ.

އެ ހާދިސާގައި ކޮޅުވެއްޓި ދުއްވަން އިން މީހާ އަކީ އެކަމުގެ ލައިސަންސް އޮތް މީހެއް ނޫން ކަމަށް އެމްޕީއެލުން ބުންޏެވެ. މަސައްކަތް ނިންމާލައި ކޮޅުވެއްޓީގެ ކުރީ ކޮޅުގައި ހުރި ހައިމާކު ފަހަތަށް ޖައްސައި ބެލެންސް ގެއްލި ބަންޑުން ޖެހުނު ކަމަށް އެ ކުންފުނިން ބުންޏެވެ.

މިނިސްޓްރީން ބުނީ ގަވައިދުން ކަނޑައަޅާފައިވާ ގޮތުން ކޮޅުވެއްޓިފަހަރާއި ޓަގުބޯޓުފަހަރު ދުއްވޭނީ އެ ވައްތަރެއްގެ އުޅަނދުފަހަރާ ގުޅޭ ސަނަދު ލިބިފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ. ނަމަވެސް މިނިސްޓްރީން ބެލިބެލުމުން ބޮޑެތި ގިނަ އުޅަނދުފަހަރު އޮޕަރޭޓްކުރަމުން ދިޔައީ ގާބިލުކަން ނެތް ކެޕްޓަނުން ކަމަށް ފާހަގަކުރިއެވެ.

މިނިސްޓްރީން އެދުނީ ކޮޅުވެއްޓިފަހަރާއި ޓަގުބޯޓުފަހަރު ދުއްވާއިރު ގާބިލުކަން ހުރި ކެޕްޓަނުން ލައްވައި ދުއްވުމަށާއި، ތަކެތި ބަރުކުރުމުގައި ބެލެންސް ނުގެއްލޭނެހެން ސަމާލުވުމަށެވެ. އެމްޕީއެލުން ބުނީ މި ހާދިސާއަށް ފަހު ކޮންޓްރެކްޓަރުން މުދާ ގެންނަ ފަރާތްތަކުގެ ލައިސަންސް ޗެކްކުރުމުގެ އުސޫލު މުރާޖައާކޮށްފައިވާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.