އައްޑޫ އަތޮޅުގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ގޮތުގައި ތަރައްގީ ގެނައުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފިއެވެ. އައްޑުއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހުޅުދޫމީދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ވަކި ކައުންސިލްތައް ހެދުމަށް ދެ ރަށުން މިދިޔަ މަހުގެ 25ގައި ދިން ވޯޓަކީ ދެ ރަށުގެ ތަރައްގީގެ ފެށުން ކަމަށެވެ.
އަންނަ އަހަރުގެ ކައުންސިލް އިންތިޚާބަށް ފަހު ދެ ރަށުގައި ކައުންސިލް އުފެދިޔަސް، އިހުތިސާސް ހިންގާނީ މިހާތަނަށް ދެ ރަށުގެ ރައްޔިތުން އަމަލުކުރަމުން އައި ގޮތަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ސަރުކާރުން އާ ކަމެއް އީޖާދެއް ނުކުރާނެ ކަމަށާއި، ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް ކަންތައް ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ ކުރިން ބައެއް ސަރަހައްދުތަކުގައި ތަފާތުކޮށް އަމަލުކޮށްފައިވިޔަސް، އެއީ ރައީސް ގަބޫލުކުރައްވާ ގޮތެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މި ވެރިކަމުގައި ތަފާތުކުރުންތައް ނައްތާލައި، ސިއްހީ، ތައުލީމީ، ވަޒީފާ އަދި އުމްރާނީ ތަރައްގީގެ ގޮތުން އައްޑޫ ހަމަހަމަކޮށް ތަރައްގީކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ޑިމޮކްރަސީގައި ނިކަމެތިކުރެވިފައިވާ ފަރާތްތަކަށް އިސްކަން ދިނުމަކީ ތަފާތުކުރުމެއް ނޫން ކަމަށާއި، މާޖިނަލައިޒް ވެފައިވާ ފަރާތްތައް މަތީ ފަންތީގައި ތިބި ފަރާތްތަކާ ހަމައަށް ގެނައުމަށް ޕޮޒިޓިވް ޑިސްކްރިމިނޭޝަން ދޭން ޖެހޭނެ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ހުޅުދޫމީދޫ ހިތަދޫއާ ގުޅުވާލުމަށް އަޅާ ބުރިޖުގެ މަސައްކަތް އަންނަ އަހަރު ފެށޭނެ ކަމަށާއި، ހަ މަހުގެ ތެރޭގައި ތިން ޑިޒައިން ހުށަހަޅަން ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.


