އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ނިއު ޔޯކް ސިޓީގެ މޭޔަރު އިންތިހާބުގައި މިނިވަން ކެންޑިޑޭޓު އެންޑްރޫ ކޫމޯއަށް ތާއީދު ކުރައްވައި، ވާތު ފިޔައިގެ ކެނޑިޑޭޓް ޒޮހްރާން މަމްދާނީ އިންތިހާބު ނުކުރުމަށް ގޮވާލައްވައިފަ އެވެ.
"އެންޑްރޫ ކޫމޯ ދެކެ ގަޔާ ނުވިއަސް އޭނާއަށް ވޯޓު ދޭން ޖެހޭ. އޭނާ ރަނގަޅު ޖޮބެއް އަދާކުރާނެ. އެކަމަކު މަމްދާނީއަކަށް ނުވާނެ،" ޓްރަމްޕް އިއްޔެ ވިދާޅުވި އެވެ.
ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ޓްރަމްޕް ވަނީ އިންތިޚާބު ޑިމޮކްރެޓިކް ކެންޑިޑޭޓް މަމްދާނީ ކާމިޔާބު ކުރައްވައިފި ނަމަ ނިއު ޔޯކަށް ދައުލަތުގެ ފައިސާ ދޭން ފަސްޖެހިވަޑައިގަންނަވާނެ ކަމަށް އިންޒާރު ދެއްވައިފަ އެވެ. "ނިއު ޔޯކް ހިންގަނީ ކޮމިއުނިސްޓެއް ނަމަ، އެ ފޮނުވާ ހުރިހާ ފައިސާއެއް އޭނާ ބޭކާރު ކުރާނެ،" ޓްރަމްޕް ވިދާޅުވި އެވެ.
ހިޔާލު ހޯދުމުގެ ސާވޭތަކުން ދައްކާ ގޮތުގައި މަމްދާނީ އުޅެނީ ކޫމޯއަށް ވުރެ ކުރީގަ އެވެ. ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީގައި މަމްދާނީ ކާމިޔާބު ކުރެއްވުމުން ކޫމޯ އިންތިހާބުގައި ވާދަކުރައްވަނީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގަ އެވެ.
ޓްރަމްޕް ވަނީ ރިޕަބްލިކަން ކެންޑިޑޭޓް ކާޓިސް ސްލިވާއަށް ދޭ ވޯޓަކީ މަމްދާނީއަށް ދޭ ވޯޓެއް ކަމަށް ވިދާޅުވެ، ކޫމޯއަށް ވޯޓު ދިނުމަށް ގޮވާލައްވައިފަ އެވެ. "އަޅުގަނޑަކީ ކޫމޯގެ ސަޕޯޓަރެއް ނޫން. ނަމަވެސް މި ތަނުގައި ނަގަން ޖެހިފައި މި އޮތީ ނުބައި ޑިމޮކްރެޓަކު ނޫނީ ކޮމިނިސްޓަކު ހޮވުން،" ޓްރަމްޕް ވިދާޅުވި އެވެ.
ޑިމޮކްރެޓިކް ސޯޝަލިސްޓެއްގެ ގޮތުގައި މަޝްހޫރުވެފައިވާ މަމްދާނީ ވަނީ ކޮމިއުނިސްޓެއް ކަމަށް އިންކާރު ކުރައްވައިފަ އެވެ.


