ހައްޖު ކޯޕަރޭޝަނުން ހޮޓާ ހިންގުމުގެ ވިޔަފާރިއަކީ ގާނޫނީ ގޮތުން ހުއްދަ ލިބިފައިވާ މަސައްކަތެއް ކަމަށާއި އެފަދަ ލައިސަންސް ލިބިފައިވާ ކުންފުނިތަކުން ކުރާ ކޮންމެ މަސައްކަތަކަށް މަރުހަބާ ކިޔާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް ވަނީ ސަރުކާރު ހިއްސާވާ ކުންފުންޏަކުން އަމިއްލަ ވިޔަފާރިވެރިން ހިންގާ ދާއިރާތަކަށް ވަނުމުން ކުރާނެ އަސަރާ ބެހޭ ގޮތުން ސުވާލު ކުރައްވާފައެވެ. މި ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ހައްޖު ކޯޕަރޭޝަންއަކީ ވަކި ގާނޫނީ ހައިސިއްޔަތެއް ލިބިފައިވާ ކުންފުންޏަކަށް ވާއިރު، އެކުންފުނީގެ އަސާސީ ގަވާއިދުގެ ދަށުން ވިޔަފާރި ކުރުމަށް ގާނޫނީ ގޮތުން ޖާގަ ލިބޭ ކަމަށެވެ.
"އަޅުގަނޑު ހުރި ހައިސިއްޔަތުގެ ގޮތުން އަޅުގަނޑު މި ބަލަނީ ވިޔަފާރި ކުރިއެރުވޭތޯ. އެހެންވީމާ ވިޔަފާރިއެއް ކުރިއެރުވުމަށްޓަކައި އެ ހުއްދަ ލިބިފައި އޮންނަ ކުންފުންޏަކުން ކުރާ ކޮންމެ މަސައްކަތަކަށް އަޅުގަނޑު މަރުހަބާ ކިޔާނަން،" މިނިސްޓަރު ސައީދު ވިދާޅުވިއެވެ. އެހެން ނަމަވެސް އަމިއްލަ ވިޔަފާރިތަކަށް ކުރާނެ އަސަރު ބަލާލަން ޖެހޭނީ މަޖިލީހުގެ އިގްތިސާދީ އަދި މާލިއްޔަތު ކޮމިޓީތަކުން ދިރާސާތައް ކޮށްގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ ކުރިން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަޖިލީހުގައި ވިދާޅުވީ އަމިއްލަ ވިޔަފާރިއެއް ތެރެއަށް ސަރުކާރު ކުންފުންޏަކުން ވަނުމުގެ ނަތީޖާ ރަނގަޅު ނުވެދާނެ ކަމަށާއި ސަރުކާރު ހިއްސާވާ ކުންފުނިތައް އެކުންފުންޏެއް ހާއްސަ ވެފައިވާ ދާއިރާގައި ބެހެއްޓުން ރަނގަޅުވާނެ ކަމަށެވެ. ހައްޖު ކޯޕަރޭޝަނުން މި އަހަރުގެ އޮގަސްޓް މަހު އިއުލާން ކުރީ ކ. މާފުށީގައި އެކުންފުނީގެ ސަބްސިޑަރީއެއް މެދުވެރިކޮށް ސިޓީ ހޮޓަލެއް އަޅަން ކޮންޓްރެކްޓަރަކު ހޯދަން ކަމަށެވެ. ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލު ވިދާޅުވީ ހައްޖުވެރިންގެ އަތުން ނެގޭ ފީ ހައްޖުގެ ހަރަދަށް ނުފުދޭތީ ފައިދާވާ ކުންފުންޏަކަށް ހެދުމަށް މިކަމަށް ފުރުސަތު ދިނުން މުހިންމު ކަމަށެވެ.
ކޮމެންޓު ފޮނުވާ