4،500 އަށްވުރެ ގިނަ މީހުން ދިރާގު ރޯޑް ރޭސްގައި ބައިވެރި ވެއްޖެ

4،500 އަށްވުރެ ގިނަ މީހުން ދިރާގު ރޯޑް ރޭސްގައި ބައިވެރި ވެއްޖެ

Author
ހުސައިން
24 އޮކްޓޯބަރ 2025 09:18
0

ރާއްޖޭގެ އެންމެ ބޮޑު ދުވުމެއްގެ ގޮތުގައި ދިރާގުން އިންތިޒާމުކުރާ މޯލްޑިވްސް ރޯޑް ރޭސްގައި މިއަދު ދުނިޔޭގެ އެކި ގައުމުތަކުން 4،500 އަށްވުރެ ގިނަ މީހުން ބައިވެރިވެއްޖެއެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުން ފެށި މި ދުވުމުގައި ޒުވާނުންނާއި އުމުރުން ދުވަސްވީ މީހުންނާއި އާއިލާތައް ވެސް ބައިވެރިވިއެވެ.

ވޯލްޑް އެތުލެޓިކްސް ސާޓިފައިޑް ރޭސް ރޫޓަކާއެކު، އެއިމްސް ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ރާއްޖޭގެ ހަމައެކަނި ބައިނަލްއަގްވާމީ ދުވުމަކީ މިއީއެވެ. މި ދުވުން ތިން ކެޓެގަރީއަކަށް ބަހާލައިގެން ތިން ވަގުތެއްގައި ކުރިއަށް ގެންދިޔައެވެ. އެއީ ރޭ ދަންވަރު 2:30 ގައި ހާފް މެރަތަން، ފަތިހު 5:30 ގައި 10 ކިލޯމީޓަރު، އަދި ހަވީރު 4:30 ގައި 5 ކިލޯމީޓަރު ދުވުމެވެ.

ދުވުން ކުރިއަށްދިޔަ ވަގުތުތަކުގައި ބައިވެރިންނަށް ހިތްވަރުދިނުމުގެ ގޮތުން ހާއްސަ ހަރަކާތްތަކާއި ކާބޯތަކެތި ވިއްކާ ސްޓޯލްތައް މަގުމަތީގައި ބަހައްޓައި، މިއުޒީޝަނުން ފޯރީގައި ހަރަކާތްތެރިވިއެވެ. މި އަހަރުގެ ރޯޑް ރޭސް ދިރާގުގެ ސީއެސްއާރް ޕްރޮގްރާމްގެ ތެރެއިން ކުޑަކުދިންގެ ރައްކާތެރިކަމަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔައީ، އެ ދާއިރާގައި ހަރަކާތްތެރިވާ އެންޖީއޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ހޯދައިދިނުމަށެވެ.

ދިރާގުން މި އަހަރުގެ އިވެންޓުގައި އެންޑޯޒްކުރި ޖަމިއްޔާތަކުގެ ތެރެއިން އެންމެ ގިނަ ނޮމިނޭޝަން ލިބުނު ފަސް ޖަމިއްޔާއަށް ޕްރޮގްރާމްތައް ހިންގުމަށް އެހީތެރިވުމުގެ ގޮތުން ޖުމްލަ 200،000 ރުފިޔާ ދީފައިވެއެވެ. އަދި ކޮންމެ ބައިވެރިއެއްގެ ރަޖިސްޓްރޭޝަނުން 100 ރުފިޔާއާއި ސްޕެޝަލް ބިބް ނަމްބަރު ވިއްކައިގެން ލިބުނު ހުރިހާ ފައިސާއެއް ހަމަހަމައަށް އެ ޖަމިއްޔާތަކަށް ހަދިޔާކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.