ލ. އަތޮޅު ތިން ރަށަކާއި އައްޑޫ މީދޫގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފަށަނީ

ލ. އަތޮޅު ތިން ރަށަކާއި އައްޑޫ މީދޫގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފަށަނީ

Author
ޙަސަން މުޙައްމަދު
21 އޮކްޓޯބަރ 2025 08:24
0

ލ. އަތޮޅު ތިން ރަށަކާއި އައްޑޫ މީދޫގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެފި އެވެ.

"ބިލްޑިން ކްލައިމެޓް ރެސިލިއަންޓް ސޭފާ އައިލެންޑްސް އިން ދަ މޯލްޑިވްސް" މަޝްރޫޢުގެ ދަށުން، ގިރާ ސަރަހައްދު ޙިމާޔަތްކުރުމަށް ކަނޑައަޅާފައިވާ 4 ރަށުގެ "ޑީޓެއިލްޑް ޑިޒައިން" ތައްޔާރުކުރުމަށް ކޮންސަލްޓަންޓާއެކު އެއްބަސްވުމުގައި އިއްޔެ ވަނީ ސޮއިކޮށްފަ އެވެ.

މި އެއްބަސްވުމަކީ، މި ހަތަރު ރަށުގެ ޑީޓެއިލްޑް ޑިޒައިން ހެދުމުގެ އިތުރުން، މަޝްރޫޢަށް ބޭނުންވާ އީއައިއޭ ރިޕޯޓު ހެދުމާއި، ޢަމަލީ މަސައްކަތް ކުރުމަށް ކޮންސްޓަރަކްޝަން ކޮންޓްރެކްޓަރ އެއް ހޯދުމަށް ވާންޖެހޭ ތައްޔާރީތަކަށް މިނިސްޓްރީއަށް އެހީތެރިވުމާއި، ހަތަރު ރަށުގައި ޢަމަލީ މަސައްކަތްތައް ފެށުމުން، އެމަސައްކަތްތައް ބެލެހެއްޓުމާއި އަދި ކަމާގުޅޭ ފަންނީ ތަމްރީން ޕްރޮގްރާމްތައް ހިންގުންވެސް ހިމެނޭގޮތަށް ވެވުނު އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގައި، މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރ އަލްފާޟިލް އަބްދުﷲ ޒިޔާދު އެވެ.

ސޮއިކުރުމުގެ ރައްމިއްޔާތުގައި، ޒިޔާދު ދެއްކެވި ވާހަކަފުޅުގައި، މި އެއްބަސްވުމުގެ ދަށުން، ގިނަވެގެން 6 މަސްދުވަސް ތެރޭގައި 4 ރަށުގެ ޑީޓެއިލްޑް ޑިޒައިން ތައްޔާރުކޮށް ނިންމާލެވޭނެކަމަށާއި، އަދި ޑީޓެއިލްޑް ޑިޒައިން މަސައްކަތާ އެކުއެކީގައި، ކޮންޓްރެކްޓަރ އެއް ހޯދުމަށް ކުރަންޖެހޭ ޓެންޑަރިން މަސައްކަތްތައްވެސް ފެށިގެން ދާނެކަމަށް ވިދާޅުވި އެވެ. އަދި އަންނަ އަހަރު ތެރޭގައި، މި ހަތަރު ރަށުގެ ގިރާ ސަރަހައްދުތައް ޙިމާޔަތްކުރުމުގެ ޢަމަލީ މަސައްކަތްތައް ފެށުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ވިދާޅުވި އެވެ.

މި މަޝްރޫޢުގެ މައިގަނޑު މަޤުސަދަކީ، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ރަށްތަކުގެ ގޮނޑުދޮށް ޙިމާޔަތްކުރުމަށް މަސައްކަތްކުރުމެވެ. މި މަޝްރޫޢުގެ ދަށުން، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ ޢަމަލީ މަސައްކަތްތައް ކުރުމަށް ކަނޑައަޅާފައިވާ 4 ރަށަކީ، އައްޑޫ ސިޓީ މީދޫ، ލ. ފޮނަދޫ، ލ. ގަން، އަދި ލ. އިސްދޫ އެވެ.

މި މަޝްރޫޢުގެ ދަށުން، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ ޢަމަލީ މަސައްކަތްތަކުގެ އިތުރުން، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ރަށްތަކުގެ ގޮނޑުދޮށްތައް ޙިމާޔަތްކުރުމާގުޅޭ ޤައުމީ ފެންވަރުގެ ސިޔާސަތެއް އެކުލަވާލުމާއި، އެ ސިޔާސަތުގެ ދަށުން، ދެމެހެއްޓެނިވިގޮތެއްގައި ގޮނޑުދޮށްތައް ޙިމާޔަތްކުރުމުގެ ރަށު ފެންވަރުގެ ޕްލޭންތައް މި މަޝްރޫޢުގެ ހަތަރު ރަށަށް ތައްޔާރުކުމާއި، ގޮނޑުދޮށްތައް ޙިމާޔަތްކޮށް ބެލެހެއްޓުމަށް މުހިއްމު ޑާޓާ އެއްކުރުމާބެހޭ ނިޒާމެއް އެކުލަވާލުން ހިމެނެ އެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ މިހާތަނަށް މި މަޝްރޫޢުގެ ދަށުން، ހަތަރު ރަށުގެ ގިރާ ސަރަހައްދުތައް ޙިމާޔަތްކުރާނެ ގޮތްތަކުގެ "ބޭސިކް ޑިޒައިން" އެއް އެކުލަވާލާފައިވާ ކަމަށާއި އަދި، ގޮނޑުދޮށްތައް ޙިމާޔަތްކުރުމާގުޅޭ ޤައުމީ ފެންވަރުގެ ސިޔާސަތުގެ ޑްރާޕްޓެއް ތައްޔާރުކޮށް، ކަމާގުޅޭ ދާއިރާތަކާ ހިއްސާކޮށް، އެފަރާތްތަކުގެ ހިޔާލު ހޯދާފައިވާ ކަމަށެވެ.

އަދި މި އެކުލަވާލާ ސިޔާސަތުގެ ދަށުން، ހަދަން ހަމަޖެހިފައިވާ ރަށު ފެންވަރުގެ ޕްލޭންތައް އެކުލަވާލުމުގެ މަސައްކަތްވެސް ފެށިފައިވާ ކަމަށާއި ގޮނޑުދޮށްތައް ޙިމާޔަތްކޮށް ބެލެހެއްޓުމަށް މުހިއްމު ޑާޓާ އެއްކުރުމާބެހޭ ނިޒާމެއް އެކުލަވާލުމުގެ މަސައްކަތުގެ ދަށުން، ތިން ޓޫލް އެއް ފަރުމާކޮށް ނިމިފައިވާއިރު، މި ޓޫލްތައް ބޭނުންކުރުމާ ގުޅޭ ފަންނީ ޓްރޭނިންތައް ހިންގުމަށްފަހު، މިނިސްޓްރީގެ ފަންނީ ޓީމުން ބޭނުންކުރަމުންދާ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.