އިސްރާއީލަށް ޖާސޫސް ކުރި މީހަކަށް އީރާނުން މަރުގެ އަދަބު ދީފި

އިސްރާއީލަށް ޖާސޫސް ކުރި މީހަކަށް އީރާނުން މަރުގެ އަދަބު ދީފި

Author
ޙަސަން މުޙައްމަދު
20 އޮކްޓޯބަރ 2025 09:20
0

އިސްރާއީލްގެ އިންޓެލިޖެންސް އޭޖެންސީ މޮސާޑަށް ޖާސޫސް ކޮށްދިން ކަމުގެ ކުށް ސާބިތުވި މީހަކަށް އިރާނުގެ ޤޮމް ސިޓީގައި މަރުގެ އަދަބު ތަންފީޒު ކޮށްފިކަމަށް އެ ގައުމުގެ ރަސްމީ ޝަރުއީ ނޫސް އޭޖެންސީން ބުނެފިއެވެ.

މިޒާން ނޫސް އޭޖެންސީން ބުނި ގޮތުގައި ސުޕްރީމް ކޯޓުން ޙުކުމް ދެމެހެއްޓުމާއި މައާފަށް އެދުނު ހުށަހެޅުން ބާތިލްކުރުމަށްފަހު ހޮނިހިރު ދުވަހުގެ ހެނދުނު އެ ޙުކުމް ވަނީ ތަންފީޒު ކޮށްފައެވެ. ރިޕޯޓުގައި އެ މީހާގެ ކާކުކަން ހާމަނުކުރި ނަމަވެސް، "ޒައިނިސްޓް ސަރުކާރާއިއެކު އިންޓެލިޖެންސް އެއްބާރުލުން" ދިނުމުގެ ދައުވާ އުފުލި ކަމަށާއި، "ގައުމުގައި ފަސާދަ އުފެއްދުން" އަދި "މާތްﷲ އާ ދެކޮޅުވެރިވުމުގެ" ކުށް ސާބިތުވެފައިވާ ކަމަށް ހުކުމުގައި ބުނެފައިވެއެވެ.

މިޒާންގެ ރިޕޯޓްގައިވާ ގޮތުން، އެ މީހާ އިސްރާއީލްގެ އިންޓެލިޖެންސް ސަރވިސްތަކާއެކު ގުޅުން ބަދަހިކޮށް އެއްބާރުލުން ދޭން ފެށީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައި ކަމަށާއި، 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު އޭނާ ހައްޔަރުކުރި ކަމަށް ބުނެފައިވެއެވެ. ދައުވާލިބުނު ފަރާތުން މޮސާޑަށް ސިއްރު މައުލޫމާތު ދީފައިވާ ކަމަށާއި، އިސްރާއީލްގެ އިންޓެލިޖެންސްގެ އޮފިޝަލުންނާއި ގުޅިގެން އިރާނުގެ އެތެރޭގައި މިޝަންތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް ބުނެފައިވެއެވެ.

އިސްރާއީލަށް އެއްބާރުލުން ދިނުމުގެ ތުހުމަތުގައި ފަހަކަށްއައިސް މަރުގެ އަދަބު ދިނުމުގެ އިތުރު މައްސަލަތައް ވެސް ރިޕޯޓް ކޮށްފައިވެއެވެ. މިއަހަރު ކުރީކޮޅު ހިނގި "12 ދުވަހުގެ ހަނގުރާމަ" އާއި އީރާނުގެ އަސްކަރީ ތަންތަނަށް އިސްރާއީލުން ދިން ހަމަލާތަކުގެ ސިލްސިލާއަކަށްފަހު، އީރާނުން ވަނީ ޖާސޫސް ކުރުމުގެ ތުހުމަތުގައި މަދުވެގެން ނުވަ މީހުންގެ މަރުގެ ޙުކުމް ތަންފީޒުކޮށްފައެވެ.

އިންސާނީ ޙައްޤުތަކުގެ ޖަމްޢިއްޔާތަކާއި ހުޅަނގުގެ ސަރުކާރުތަކުން ވަނީ އީރާނުން މަރުގެ ޙުކުމް ތަންފީޒުކުރުން އިތުރުކުރަމުންދާ ގޮތް ކުށްވެރިކޮށްފައެވެ. އެކްޓިވިސްޓުން ބުނާގޮތުގައި ގިނަ ދައުވާތައް ސާބިތުކޮށްފައި ވަނީ މަޖުބޫރުން ހޯދާފައިވާ އިޢުތިރާފުތަކުގެ މައްޗަށެވެ. ނަމަވެސް، އީރާނުން ދެކޭގޮތުގައި މަރުގެ ޙުކުމް ތަންފީޒުކުރެވުނު މީހުންނަކީ ޓެރަރިޒަމާއި ފަސާދަކުރުމުގެ ޢަމަލުތަކުގައި ބައިވެރިވި އަދާވާތްތެރި އިންޓެލިޖެންސް ސަރވިސްތަކުގެ އޭޖެންޓުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.