ކުރިއަށްއޮތް ހައްޖުގައި ހައްޖާޖީންނަށް މިހާތަނަށް ނުލިބުނު ހިދުމަތްތައް ލިބޭނެ: ހައްޖު ކޯޕަރޭޝަން

ކުރިއަށްއޮތް ހައްޖުގައި ހައްޖާޖީންނަށް މިހާތަނަށް ނުލިބުނު ހިދުމަތްތައް ލިބޭނެ: ހައްޖު ކޯޕަރޭޝަން

Author
ހުސައިން
17 އޮކްޓޯބަރ 2025 10:50
0

ކުރިއަށްއޮތް ހައްޖު މޫސުމުގައި ދިވެހި ހައްޖާޖީންނަށް މީގެކުރިން ނުލިބޭފަދަ ހިދުމަތްތަކެއް ލިބޭނެކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ޝަކީލް ވިދާޅުވީ ހައްޖު މޫސުމަށް ތައްޔާރުވުމުގެ މަސައްކަތް އޭނާގެ އިދާރާއިން ފަށާފައިވާކަމަށާއި، ހައްޖާޖީންގެ ކަންބޮޑުވުންތަކަށް ހައްލުހޯދައި އެދޭހިދުމަތްތައް ފުރިހަމަކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ. އައު އުސޫލެއްގެ ދަށުން 2026 ވަނަ އަހަރު ހައްޖަށް ދާއިރު 2021 ވަނަ އަހަރުން ފަހު ހައްޖުވެފައިވާ އެއްވެސް މީހަކު ހިމެނޭކަށް ނެތުމާއެކު، ކިއު އުސޫލުން ހައްޖަށް ދިއުމުގެ ފުރުސަތު ލިބޭނީ ހައްޖުގެ އަޅުކަން އަދާކުރިތާ ހިޖުރީ ގޮތުން ފަސް އަހަރު ފަހުން ކަމަށް އޭނާ ވިދާޅުވިއެވެ.

75 އަހަރުން މަތީގެ މީހުންނަށް އިސްކަންދިނުމަށް ކެބިނެޓުން ނިންމި ނިންމުމުގެ ދަށުން، އެފަދަ ފަރާތްތަކަށް އެހީތެރިއެއް ގެންދިއުން ލާޒިމްކޮށްފައިވާއިރު، ފައިސާ ދައްކައިގެން ނުވަތަ ކިއުގެ ތެރެއިން މީހަކު ގެންދިއުމުގެ އިހުތިޔާރު ދީފައިވާކަމަށް ޝަކީލް ފާހަގަކުރެއްވިއެވެ. ކުރިއަށްއޮތް ހައްޖުގެ ތައްޔާރީތަކުގެ ތެރޭގައި ބައެއް ސަބަބުތަކާހެދި ހައްޖަށް ނުދެވޭ ފަރާތްތަކަށް ބަދަލުގައި ކިއުގައި ދެން ހުންނަ ފަރާތްތަކަށް ފުރުސަތުދޭން މިހާރު އިންތިޒާމްތައް ހަމަޖައްސަމުން އަންނަކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސައުދީ ސަރުކާރުން ބޮޑެތި ބަލިތައް ހުންނަ މީހުންނަށް ހައްޖު ވިސާ ނުދޭން މިދިޔަ ހަފުތާގައި ނިންމީއިރު، ހިތުގެ ބަލިތަކާއި ކިޑްނީގެ ބަލިތަކާއި ޑިމެންޝާ ހިމެނޭކަމަށް ޝަކީލް ސާފުކުރެއްވިއެވެ. ހައްޖަށް ދާން ފުރުސަތު ލިބޭ ފަރާތްތަކަށް މެޑިކަލް ޓެސްޓްތައް ކުރުމަށް އަންގާނެކަމަށާއި، އެ ނަތީޖާތަކަށް ބަލައިގެން ސައުދީން ވިސާ ދޭނެކަމަށް އޭނާ ވިދާޅުވިއެވެ. ހައްޖުގެ ހުރިހާ އިންތިޒާމްތަކެއް މިހާރު ބަލަހައްޓަނީ ސަރުކާރުގެ ހައްޖު ކޯޕަރޭޝަނުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.