އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި މެންބަރުންގެ އަދަދު ކަނޑައެޅުމަށް ބޭނުންކުރާ އާބާދީގެ އަދަދުތައް އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފިއެވެ. 2025 ސެޕްޓެންބަރު 30 ގެ ނިޔަލަށް ރަށްތަކާއި ސިޓީތަކުގެ ޖުމްލަ އާބާދީގެ މައުލޫމާތު ލާމަރުކަޒީ ޤާނޫނުގައިވާ ގޮތުގެމަތީން އިއުލާންކޮށްފައިވާއިރު، މި އަދަދުތަކަށް ބަލައިގެން ކައުންސިލްތަކުގެ މެންބަރުންގެ އަދަދު ކަނޑައަޅާނެކަމަށް ކޮމިޝަނުން ބުނެއެވެ.
އިއުލާންކުރި އަދަދުތަކުން ދައްކާގޮތުން ދެން އޮންނަ އިންތިޚާބުގައި ވެސް ސިޓީ ކައުންސިލްތައް އޮންނާނީ މާލޭގެ އިތުރުން އައްޑު، ފުވައްމުލަކު، ކުޅުދުއްފުށީ އަދި ތިނަދޫގައެވެ. ތިނަދޫގެ އާބާދީއަކީ 10،453 އަށް އަރާކަން ހާމަވެއެވެ. ވަކިވަކި ރަށްތަކުން ފަސްހާހަށްވުރެ އާބާދީ ބޮޑީ ހަތަރު ރަށެއްގައި ކަމަށްވާ ޅ.ނައިފަރާއި، ލ.ގަމާއި، ޅ.ހިންނަވަރާއި، ރ.ދުވާފަރުގައެވެ.
ކައުންސިލް އިންތިޚާބު ބާއްވާ 177 ރަށުގެ ތެރެއިން 66 ރަށެއްގެ އާބާދީ އެއްހާސް މީހުންނަށްވުރެ މަދުކަން ފާހަގަކުރެވެއެވެ. އެންމެ އާބާދީ ކުޑަރަށަކީ 218 މީހުންގެ އާބާދީއެއް އޮންނަ އދ.ދިއްދޫއެވެ. ގާނޫނުގައިވާ ގޮތުން 3،000 މީހުންނަށްވުރެ ކުޑަ އާބާދީއެއް އޮންނަ ރަށްތަކުގެ ކައުންސިލަށް ފަސް މެންބަރުން އިންތިޚާބުކުރާއިރު، 3،000 ނުވަތަ އެއަށްވުރެ އާބާދީ ބޮޑު ރަށްތަކުގެ ކައުންސިލަށް ހަތް މެންބަރުން އިންތިޚާބުކުރާނެއެވެ. ސިޓީތައް ނުހިމެނޭ 16 ރަށެއްގެ އާބާދީ 3،000 އަށް އަރާކަން ވެސް އިއުލާނުގައި ހާމަވެއެވެ.
ކޮމެންޓު ފޮނުވާ