ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކޮށްގެން ޖުޑީޝަރީން ސިޔާސީ ނުފޫޒު ފިލުވޭނެ: އުޝާމް

ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކޮށްގެން ޖުޑީޝަރީން ސިޔާސީ ނުފޫޒު ފިލުވޭނެ: އުޝާމް

Author
ޙަސަން މުޙައްމަދު
15 އޮކްޓޯބަރ 2025 11:57
0

ޝަރުއީ ދާއިރާ އިން ސިޔާސީ ނުފޫޒު ދުރުކުރެވޭނީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ ކޮމްޕޮޒިޝަން ބަދަލުކޮށްގެން ކަމަށް ބަންޑާރަ ނައިބު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އުޝާމް ވިދާޅުވީ ޖޭއެސްސީގެ ބައްދަލުވުންތަކުގައި ހަރަކާތްތެރިވާ ސިޔާސީ ބޭފުޅުންގެ އަދަދު ކުޑަކުރުމަކީ ސަރުކާރުގެ ވައުދެއް ކަމަށާއި އެކަން ހާސިލުކުރެވޭނީ ޤާނޫނުއަސާސީ އިޞްލާޙުކޮށްގެން ކަމަށެވެ. އޭނާ ފާހަގަކުރެއްވީ ޖޭއެސްސީގެ ކޮމްޕޮޒިޝަނާ ގުޅޭ އިޞްލާޙަށް އިތުރުން ވެސް ޤާނޫނުއަސާސީއަށް ހުށަހަޅާނެ އިޞްލާޙުތަކެއް ތައްޔާރުކުރަމުންދާ ކަމަށެވެ.

އުޝާމް ވިދާޅުވީ އިޞްލާޙުތައް ހުށަހެޅުމަށް ދައުލަތުގެ އެކިއެކި މުއައްސަސާތަކާ މަޝްވަރާކުރަމުންދާ ކަމަށާއި ބައެއް އިޞްލާޙުތައް މިއަހަރުގެ މި ދައުރުގައި ވެސް މަޖިލީހަށް ހުށަހަޅަން ކުރިއަށްދާ ކަމަށެވެ. ނަމަވެސް އެންމެނަށް އެއްބަސްވެވޭ ކޮމްޕޮޒިޝަނެއް އަދި ކަނޑައެޅިފައި ނުވާތީ ކަންކަން ލަސްވަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިހާރު ޖޭއެސްސީގައި ތިއްބަވަނީ ދިހަ މެންބަރުންނެވެ. އޭގެތެރެއިން ދެ ބޭފުޅުން އައްޔަންކުރައްވަނީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި މަޖިލީސް ރައީސާއި މަޖިލިސް މެންބަރުންގެ ތެރެއިން ބޭފުޅަކާއި އާންމު ފަރުދަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ވެސް ކޮމިޝަނުގައި ތިއްބަވައެވެ. އެހެންކަމުން ކޮމިޝަންގައި ތިއްބަވާ ސިޔާސީ ބޭފުޅުންގެ އަދަދު ގިނަވެފައިވާ ކަމަށް ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.