ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނު ކަމަށް ބުނާ މައްސަލައިގެ ހޯދުންތައް މި މަހު ވަޒީރުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލި ކަމަށް ދިވެހީން ގަބޫލުކުރާ ކަމަށް ވިދާޅުވެ، އެކަން ގޮސްފައި އޮތީ ކިހާ ހިސާބަކަށްތޯ ސުވާލުކުރެއްވިއެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން ބަންޑާރަ ނައިބު ވިދާޅުވީ، މިދިޔަ އެމްޑީޕީ ސަރުކާރުން ނިންމި ބައެއް ނިންމުންތަކާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލިފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އެ މައްސަލަ ރާއްޖޭއާއި ރާއްޖޭން ބޭރުގެ ކަމާ ގުޅުންހުރި ތަކުރިބާރުން ކުއްޔަށް ނަގައިގެން ބަލަމުން އަންނަ ކަމަށާއި، މައްސަލަ އެއްކޮށް ނުނިމޭ ކަމަށް އުޝާމް ފާހަގަކުރެއްވިއެވެ. "ވަރަށް ބޮޑަށް އުންމީދުކުރެވޭ މި މަހުތެރޭ ކެބިނެޓަށް އަޅުގަނޑުމެންގެ ފައިންޑިންސް ހުށަހެޅޭނެ ކަމަށް،" އުޝާމް ވިދާޅުވިއެވެ. ކެބިނެޓުން ގޮތެއް ނިންމުމުން ކަނޑުގެ މައްސަލައިގައި ކުރިއަށްދާނެ ގޮތްތައް އިއުލާނުކުރާނެ ކަމަށާއި، މެންބަރުގެ ސުވާލުތަކަށް ޖަވާބުދެވޭނީ މައްސަލަ އެއްކޮށް ބަލައި ނިމުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
ދިވެހިރާއްޖެއާއި މޮރިޝަސްއާ ދެމެދު ފުށުއަރާ ކަނޑުގެ އިމުގެ މައްސަލަ 58 އަހަރު ފަހުން، 2023 ވަނަ އަހަރު އިޓްލޮސްއިން ނިންމީ ރާއްޖޭން އެދުނު ގޮތަށެވެ. އިޓްލޮސްގެ ހުކުމާ ގުޅިގެން އެމްޑީޕީ ސަރުކާރުން އެޅި ފިޔަވަޅުތަކަކީ ރާއްޖޭގެ މަސްލަހަތު ގެއްލޭ ގޮތަށް އެޅި ފިޔަވަޅުތަކެއް ކަމަށް މި ސަރުކާރުން ދެކެއެވެ. އިޓްލޮސްގެ ނިންމުން އިސްތިއުނާފުކުރުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށްވާއިރު، މައްސަލަ ކުރިއަށްގެންދަން ކުރީގެ ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ ލީޑަރޝިޕްގެ ދަށުން ކޮމިޓީއެއް އެކުލަވާލާފައިވެއެވެ.
ކޮމެންޓު ފޮނުވާ