ކުރީގެ ރައީސް ޢަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާލާ ކްރިމިނަލް ކޯޓު ސަރަހައްދުގައި އެމަނިކުފާނުގެ ސަޕޯޓަރުން ކުރިއަށްގެންދާ މުޒާހަރާގެ ތެރެއިން 6 މީހަކު ހައްޔަރުކޮށްފި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި މިހާރު ކުރިޔަށްދާއިރު، ކޯޓު ހިމެނޭ ސަރަހައްދަށް އެމަނިކުފާނުގެ ސަޕޯޓަރުން ވަނީ ޖަމާވެފައެވެ.
އޭގެ ތެރެއިން 6 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އިދިކޮޅު ކޯލިޝަންގެ ސްޕޯކްސް ޕަރސަން ހީނާ ވަލީދު ވިދާޅުވިއެވެ. ހީނާ ވިދާޅުވީ އެސަރަހައްދުން ހައްޔަރުކުރި މީހުންގެ ތެރޭ ޕީޕީއެމްގެ ކައުންސިލް މެންބަރު ފާތިމަތު ފަޒްލާއާއި ކައުންސިލް މެންބަރު ސޫދާ އަބްދުﷲ އާއި ކައުންސިލް މެންބަރު އަހުމަދު ނަރީޝް ހިމެނޭ ކަމަށެވެ.
ރައީސް ޔާމިންގެ ސަޕޯޓަރުން ދަތުރުވެރިންގެ މާރުކޭޓު ކަންމަތިން ބޮޑުތަކުރުފާނު މަގަށް އެއްވެފައި ވާއިރު އެއަށްވުރެ ކުރިއަށް ނުދެވޭނެހެން ފުލުހުން ވަނީ ބެރިކޭޑްޖަހާ ބަންދުކޮށްފައެވެ. މުޒާހަރާގެ ބައިވެރިން ބުނަމުންދަނީ ސަރުކާރުން ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ މުޒާހަރާގެ ބައިވެރިން ގެންދަނީ އަޑުއުފުލަމުންނެވެ
ފުލުހުން އެ ސަރަހައްދު ބަލަހައްޓަމުން ދަނިކޮށް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވާ މީހުން ދަނީ ހައްޔަރު ކުރަމުންނެވެ. އެގޮތުން އެ ސަރަހައްދުން ބަޔަކު ހައްޔަރުކޮށްފައިވާކަން ފުލުހުންވެސް ޔަގީންކޮށްދެއެވެ. ރައީސް ޔާމީންގެ ޝަރީއަތްތަކުގެ އަޑުއެހުން ބާއްވާ ކޮންމެ ދުވަހަކު ވެސް އެމަނިކުފާނުގެ ސަޕޯޓަރުން ކޯޓުސަރަހައްދަށް ޖަމާވެއެވެ.