އިޒްރޭލުން 1،968 ފަލަސްތީނު ގައިދީން ޖަލުން މިނިވަންކޮށް، ހުޅަނގު އައްސޭރިއަށް ފޮނުވާލައިފި އެވެ. މިއީ ހަމާސްއިން ދިރިތިބި 20 އިޒްރޭލު އަސީރުން މިނިވަންކުރުމުގެ ބަދަލުގައި، ޣައްޒާގައި ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން އިޒްރޭލުން ކުރަންޖެހޭ ކަމެކެވެ.
އިޒްރޭލުގެ ޖަލުތަކާބެހޭ އިދާރާއިން ބުނީ އެކި ޖަލުތަކުން ގައިދީން އެއްތަނަކަށް ޖަމާކުރުމަށްފަހު ހުޅަނގު އައްސޭރީގެ ރާމަﷲއަށް ގެންގޮސް ދޫކޮށްލާފައިވާ ކަމަށެވެ. މިނިވަންކުރި މީހުންގެ ތެރޭގައި އުމުރަށް ޖަލަށްލާފައިވާ 250 މީހަކާއި ޣައްޒާއަށް ހަމަލާދިނުމަށްފަހު ހައްޔަރުކުރި 1،700 މީހަކު ހިމެނެ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ސުލްހައިގެ ޕްލޭނުގައިވާ ގޮތުން، ހަމާސް ކަބްޒާކޮށްގެން ތިބި 48 އަސީރުންގެ ތެރެއިން ދިރިތިބި 20 މީހުން ސުލްހަ އެއްބަސްވުމަށް އަމަލުކުރަން ފެށިތާ 72 ގަޑިއިރުތެރޭ މިނިވަންކުރަން ޖެހެ އެވެ. ހަމާސްއިން އެ 20 މީހުން މިނިވަންކޮށްފައިވަނީ މިއަދު ހެނދުނެވެ.
ކޮމެންޓު ފޮނުވާ