ސީޝެލްސްގެ އާ ރައީސަކަށް އިދިކޮޅު ލީޑަރ ޕެޓްރިކް ހާރުމިނީ ހޮވިވަޑައިގެންފި

ސީޝެލްސްގެ އާ ރައީސަކަށް އިދިކޮޅު ލީޑަރ ޕެޓްރިކް ހާރުމިނީ ހޮވިވަޑައިގެންފި

Author
ޙަސަން މުޙައްމަދު
12 އޮކްޓޯބަރ 2025 07:46
0

އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމެއް ކަމުގައިވާ ސީޝެލްސްގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އިދިކޮޅު ލީޑަރު ޕެޓްރިކް ހާރުމިނީ ފަސޭހަ ކާމިޔާބީއެއް ހޯދައްވައިފިއެވެ. 62 އަހަރުގެ ހާރުމިނީ އަށް 52.7 ޕަސެންޓް ވޯޓް ލިބިވަޑައިގެންނެވި އިރު، މިހާރުގެ ރައީސް ވާވެލް ރަމްކަލާވަންއަށް 47.3 ޕަސެންޓް ވޯޓް ލިބިވަޑައިގަތެވެ.

ކާމިޔާބު ވެވަޑައިގަތުމާ ގުޅިގެން ހާރުމިނީ ވިދާޅުވީ ރައްޔިތުން ބަދަލަކަށް ވޯޓުދެއްވި ކަމަށާއި، ސީޝެލްސްގެ ހުރިހާ ރައްޔިތުންގެ ރައީސެއްގެ ގޮތުގައި ހަމަހަމަކަމާއެކު އަދުލު އިންސާފާއެކު މަސައްކަތް ކުރައްވާނެ ކަމަށެވެ. އޭނާގެ ޔުނައިޓެޑް ސީޝެލްސް ޕާޓީން މިދިޔަ މަހު ބޭއްވި އާންމު އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ވެސް ވަނީ ހޯދާފައެވެ.

ހާރުމިނީގެ ސިޔާސީ ދިރިއުޅުމަކީ އުފަލާއި ދެރަ ވެސް ވަރަށް ބޮޑަށް ކުރިމަތިވި ދިރިއުޅުމެކެވެ. 2007 އިން 2016 އާ ހަމައަށް ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ހުންނެވި ނަމަވެސް 2023 ވަނަ އަހަރު ސިހުރު ހެދުމުގެ ތުހުމަތުގައި ހައްޔަރު ކުރެވިވަޑައިގެންނެވިއެވެ. ނަމަވެސް އެ ދައުވާ ފަހުން އަނބުރާ ގެންދެވުނެވެ.

އެފްރިކާގެ އެންމެ މުއްސަނދި ގައުމެއްގެ ގޮތުގައި ސީޝެލްސް ފަތުރުވެރިކަމަށް މަޝްހޫރު ވިޔަސް މަސްތުވާތަކެތީގެ މައްސަލަ އެތަނުގައި ދަނީ ބޮޑުވަމުންނެވެ. 120,000 އަށް ވުރެ މަދު އާބާދީގެ ތެރެއިން 5,000 އާއި 10,000 އާ ދެމެދުގެ އަދަދަކަށް މީހުން ހެރޮއިން ބޭނުންކުރާ ކަމަށް ރިހެބިލިޓޭޝަން ސެންޓަރުތަކުން ބުނެއެވެ. އާ ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ދިރިއުޅުމުގެ ހަރަދު ކުޑަކުރުމާއި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަކީ އެންމެ ބޮޑު އެއް ވައުދެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.