ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ފަސިންޖަރ ޓާމިނަލް، ޓާމިނަލް 1 އަށް މެލޭޝިއާ އެއާލައިންސް ބަދަލުކޮށްފި އެވެ. މިކަން ފާހަގަކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އައިލެންޑް އޭވިއޭޝަން ސާވިސަސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް އެވެ.
މި ރަސްމިއްޔާތުގައި މެލޭޝިއާ އެއާލައިންސްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، ފްލައިޓުން ދަތުރުކުރި 170 ފަސިންޖަރުންނަށް ހަދިޔާ ހަވާލުކޮށްފައި ވެއެވެ. އަދި ޓާމިނަލް 1 އަށް ކައިރިކުރި ފުރަތަމަ ފްލައިޓު MH485އަށް ހާއްސަ ވޯޓާ ސެލިއުޓެއް އަރުވައި، އެ ފްލައިޓުން އައި 172 ފަސިންޖަރުންނަށް ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާ ކިޔައިދީފި އެވެ.
މެލޭޝިއާ އެއާލައިންސް އަކީ ޓާމިނަލް 1 އިން ހިދުމަތް ދޭ 10 ވަނަ އެއާލައިނެވެ. މި ޓާމިނަލުން މިހާރު މޯލްޑިވިއަން، އެއާ އަރަބިއާ، ބިއޯންޑް، ފިޓްސް އެއާ، ބެއިޖިންގް ކެޕިޓަލް އެއާލައިންސް، ބަޓިކް އެއާ، ބެންކޮކް އެއާވޭސް، އިންޑިގޯ އަދި ގަލްފް އެއާވެސް ހިދުމަތް ދެ އެވެ.
ކޮމެންޓު ފޮނުވާ