ޕީ.އައި.އެސް.ޕީ މަޝްރޫޢުތަކަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ބަލްކު ޝިޕްމަންޓް އެމްޓީސީސީން ގެނެސްފި

ޕީ.އައި.އެސް.ޕީ މަޝްރޫޢުތަކަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ބަލްކު ޝިޕްމަންޓް އެމްޓީސީސީން ގެނެސްފި

Author
އަހުމަދު
12 އޮކްޓޯބަރ 2025 08:40
0

އެމްޓީސީސީއަށް ހަވާލުކޮށްފައިވާ ޕީ.އައި.އެސް.ޕީ މަޝްރޫޢުތަކަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ބަލްކު ޝިޕްމަންޓް 10 އޮކްޓޯބަރ 2025 ވަނަ ދުވަހު ވަނީ ރާއްޖެއަށް ގެނެސްފައެވެ. މި ޝިޕްމަންޓްގައި 56,450 ޓަނުގެ ބޮޑުހިލަ ވަނީ ރާއްޖެއަށް އެތެރެކުރެވިފައެވެ.

2025 ވަނަ އަހަރު ނިމުމުގެ ކުރިން 2.5 މިލިއަން ޓަނުގެ ބޮޑުހިލަ ރާއްޖެއަށް ގެނައުމުގެ މަސައްކަތް ދަނީ ހަލުވިކަމާއެކު ކުރެވެމުންނެވެ. މިއީ އެމްޓީސީސީއަށް ހަވާލުކޮށްފައިވާ ޕީ.އެސް.އައި.ޕީ މަޝްރޫޢުތައް އަވަހަށް ނިންމުމަށް ބޭނުންވާ ޖުމުލަ އަދަދެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، މި ޝިޕްމަންޓުން ގެނެވިފައިވާ ބޮޑުހިލަ އެންމެ ފުރަތަމަ ފޯރުކޮށްދެވިފައި ވަނީ ބ. މާޅޮހު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުއަށެވެ. މި މަޝްރޫޢުތައް ނިމިގެންދިޔުމާއެކު، ރައްޔިތުންނަށް އެތައް ލުއިފަސޭހަތަކަކާއެކު ޢާންމު ދިރިއުޅުމަށް އެކަށީގެންވާ ހެޔޮ ބަދަލުތަކެއް ލިބިގެންދާނެއެވެ.

1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީއަކީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކުންފުންޏެކެވެ. ވޭތުވެދިޔަ 44 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމައިފައެވެ.

ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. މި މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅާ އެއްގޮތަށް ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އިސްކަންދެވިގެންދާކަން ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.