ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން ހިންގަމުން އައި ހަމަލާތައް ހުއްޓާލަން އެއްބަސްވި ނަމަވެސް، އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ނިންމި ނިންމުން އަނބުރާ ގެންދިއުމަށް ސަރުކާރުން ނުވިސްނާ ކަމަށް ބަންޑާރަ ނައިބު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
މިދިޔަ އޭޕްރިލް 15 ގައި އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރީ ފަލަސްތީނުގައި އިޒްރޭލުން ހިންގަމުން އައި ޤަތުލުއާންމު ހުއްޓާލަން ގޮވާލުމުގެ ގޮތުންނެވެ. ހަމަލާތައް ހުއްޓާލަން އެއްބަސްވުމާ ގުޅިގެން މި މަނާކުރުން ބަދަލުކުރާނެތޯ ސުވާލުކުރުމުން އުޝާމް ވިދާޅުވީ، ދުނިޔޭގެ ގިނަ ގައުމުތަކުން ޤަބޫލުކުރާ ޓޫ ސްޓޭޓް ސޮލިއުޝަނަކަށް ނާންނަހާ ހިނދަކު އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކޮށްފައި ދެމެހެއްޓޭނެ ކަމަށެވެ.
ރާއްޖޭން ވަކާލާތުކުރަމުން އަންނަނީ، 1967 ވަނަ އަހަރުގެ ކުރިން ކަނޑައަޅައިފައި އޮތް އިންތަކުގެ މައްޗަށް، އިރުމަތީ ޤުދުސްއަކީ ފަލަސްތީނުގެ ވެރިރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ފަލަސްތީނު ބަލައިގަތުމަށެވެ. އިޒްރޭލާއި ހަމާސްއިން އެއްބަސްވުމާއެކު ޣައްޒާއިން އިޒްރޭލުގެ ސިފައިން ފައިބައި، ފަލަސްތީނުގެ ގައިދީން މިނިވަންކޮށް، ޣައްޒާއަށް އިންސާނީ އެހީތެރިކަން ވަގުތުން ފޯރުކޮށްދޭން ފަށާނެ ކަމަށް ހަމާސް ޖަމާއަތުން ބުނެފައިވެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރު 7 ގެ ފަހުން ފަލަސްތީނުގައި އިޒްރޭލުން ހިންގި ޤަތުލުއާންމުގެ ތެރެއިން ގާތްގަނޑަކަށް 67،000 މީހުން ޝަހީދުވެ، ހާސް ހާސް މީހުންގެ ގޮދޮރު ގެއްލިފައިވެއެވެ.
ކޮމެންޓު ފޮނުވާ