ދިވެހި ރާއްޖޭގެ މުވާސަލާތީ ދާއިރާއިން ތާރީހީ ކާމިޔާބީއެއް ހޯދައި، ދިރާގުން މީހުން ދިރިއުޅޭ ރާއްޖޭގެ ހުރިހާ ރަށަކަށް ހައިސްޕީޑް ފައިބާ ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދީ ނިންމައިފިއެވެ. މިއީ ރާއްޖޭގައި މުވާސަލާތީ ކުންފުންޏަކުން މިފަދަ ކަމެއް ހާސިލްކުރި ފުރަތަމަ ފަހަރެވެ.
މި ކާމިޔާބީ ފާހަގަކުރުމަށް ދިރާގުން އިއްޔެ ބޭއްވި ހާއްސަ ހަފުލާގައި ވާހަކަދައްކަވަމުން ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ރަސްމީ ގޮތުން ރާއްޖޭގެ ގުޅުން ގާއިމްކޮށްފައިވާ ފުރަތަމަ އަދި ހަމައެކަނި ކުންފުންޏަކީ ދިރާގު ކަމަށާއި މި ފަހުރު ދިވެހިރާއްޖެއަށް ހޯދައިދިން ކުންފުންޏަކީ ވެސް ދިރާގު ކަމަށެވެ. އެ ހަފުލާގައި ޓޫރިޒަމް އެންޑް އެންވަޔަރުމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމާއި ސަރުކާރުގެ އިސްވެރިންނާއި ސިޓީ ކައުންސިލްގެ އިސްފަރާތްތައް ބައިވެރިވެވަޑައިގެންނެވިއެވެ.
ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ މި ކާމިޔާބީ ހޯދުނީ ދުރާލާ ޕްލޭންކޮށް ބޮޑެތި އިންވެސްޓްމެންޓްތަކާއި ގިނަ މަޝްރޫއުތަކެއް ހިންގައިގެން ކަމަށެވެ. އޭގެ ތެރޭގައި ބޭރު ގައުމުތަކާއި ރާއްޖެއާ ދެމެދު ގުޅުން ވަރުގަދަކުރުމަށް ހިންގުނު ސަބްމެރީން ކޭބަލް ޕްރޮޖެކްޓްތަކާއި ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް އަޅައި ނެޓްވޯކް ކެޕޭސިޓީ އާއި ފެންވަރު ރަނގަޅުކުރުމަށް ހިންގުނު ޕްރޮޖެކްޓްތަކާއި މީހުން އުޅޭ ރަށްތަކުގައި ފައިބާ ނެޓްވޯކް އެޅުމުގެ މަސައްކަތްތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ދިރާގުން ބުނީ މިހާރު ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ހަލުވި މުވާސަލާތީ ޑޭޓާ ނެޓްވޯކް ގާއިމްވެފައިވާ ކަމަށާއި މިއީ ބޮޑެތި ކުރިއަރައިފައިވާ ގައުމުތަކުގެ ތެރެއިން ވެސް މަދު ގައުމަކަށް ހާސިލުކުރެވިފައިވާ ކަމެއް ކަމަށެވެ. މި ކާމިޔާބީގެ ސަބަބުން މުޅި ރާއްޖޭގައި ޑިޖިޓަލް ގޮތުން ބާރުވެރި މުޖުތަމައުތަކެއް ބިނާވެ ކުރިއެރުމުގެ ފުރުސަތުތައް ފުޅާވެގެންދާނެ ކަމަށާއި މިއީ ސަރުކާރުން ރާއްޖެ "ސްމާޓް ނޭޝަން" އެއްގެ ގޮތުގައި ގާއިމުކުރުމަށް ގެނެވުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވެސް ދިރާގުން ބުންޏެވެ.
ކޮމެންޓު ފޮނުވާ