ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިންމައި އަންނަ ނޮވެމްބަރު 9 ގައި އެ އެއާޕޯޓު ރަސްމީކޮށް ހުޅުވާނެކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އެމްއޭސީއެލްގެ ސީއީއޯ އިބްރާހީމް ޝަރީފު މުޙައްމަދު ވިދާޅުވީ ވައިގެބަނދަރު ހުޅުވުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ފަށާފައިވާކަމަށާއި އައު ޓަރމިނަލަށް ޚިދުމަތްތައް ބަދަލުކުރުމުގެ މަސައްކަތް މި މަހުގެ 15 ވަނަ ދުވަހު ފެށުމަށް ނިންމާފައިވާކަމަށެވެ.
18 ޖެނުއަރީ 2023 ގައި އަމަލީ މަސައްކަތް ފެށި މި މަޝްރޫޢުގެ ދަށުން 2.46 ކިލޯމީޓަރުގެ އާ ރަންވޭއެއް އަޅައި، އަހަރަކު 1.2 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތްކޮށްފައިވެއެވެ. އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މި މަޝްރޫޢުއަކަށް ދޫކޮށްފައިވަނީ 137 މިލިއަން ޑޮލަރެވެ.
މި މަޝްރޫޢު ނިމުމުން އެއާބަސް A320 އާއި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ ވައިގެބަނދަރުން ހިދުމަތް ދެވޭނެއެވެ. އަދި މެދުއިރުމަތީ، ދެކުނު އޭޝިއާ، ދެކުނު އިރުމަތީ އޭޝިއާ އަދި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫއަށް އޮޕަރޭޓް ކުރުމުގެ ގާބިލުކަން ލިބޭނެއެވެ. ރަންވޭ ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ.
ކޮމެންޓު ފޮނުވާ