ހޯލްސޭލް ވިޔަފާރި ދިވެހީންނަށް ޚާއްސަކޮށް، ގަވާއިދު އިސްލާހުކޮށް ޝާއިއުކޮށްފި

ހޯލްސޭލް ވިޔަފާރި ދިވެހީންނަށް ޚާއްސަކޮށް، ގަވާއިދު އިސްލާހުކޮށް ޝާއިއުކޮށްފި

Author
ޙަސަން މުޙައްމަދު
08 އޮކްޓޯބަރ 2025 07:55
0

ރާއްޖޭގެ އިގްތިސާދުގައި ދިވެހީންގެ ބައިވެރިވުން އިތުރުކުރުމުގެ މަގްސަދުގައި، ބޭރުގެ ފަރާތްތަކަށް ހޯލްސޭލް ވިޔަފާރި ނުކުރެވޭ ގޮތަށް ސަރުކާރުން އިސްލާހު ގެނައުމަށްފަހު، ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއަރމަންޓްސް މިއަދު ޝާއިއުކޮށްފިއެވެ.

އިގްތިސާދީ ތަރައްގީއާ ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވީ ވަޒީރުންގެ މަޖިލީހުން ފާސްކުރި މި އިސްލާހުތަކަކީ ދިވެހި ވިޔަފާރިވެރިން ވާދަވެރިކަމާއެކު ހަރަކާތްތެރިވަމުން އަންނަ އިގްތިސާދީ ސިނާއަތްތައް ދިވެހީންނަށް ހާއްސަކޮށް، ބޭރުގެ އިންވެސްޓަރުންގެ ތަޖުރިބާއާ އިންވެސްޓްމަންޓް ބޭނުންވާ ދާއިރާތަކަށް އިންވެސްޓަރުންނަށް ފުރުސަތު ފަހިވާނެ ގޮތަށް ގެނެވިފައިވާ އިސްލާހުތަކެއް ކަމަށެވެ. މިއީ ރާއްޖޭގެ އިގްތިސާދު ސިންދަފާތުކޮށް، އިގްތިސާދު ކުރިއެރުވުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާސިލްވުމަށް މުހިންމު އިސްލާހުތަކެއް ކަމަށް ވެސް ވިދާޅުވިއެވެ.

މި އިސްލާހުގައި ބޭރުގެ އިންވެސްޓްމަންޓަށް އެއްކޮށް ހުޅުވާލެވިފައިވާ ދާއިރާތަކާއި، ޖޮއިންޓް ވެންޗަރު އުޞޫލުން ހުޅުވާލެވިފައިވާ ދާއިރާތަކާއި، ބޭރުގެ ފަރާތްތަކުން އިންވެސްޓް ކުރުން މަނާ ދާއިރާތައް ކަނޑައަޅާފައިވެއެވެ. ދިވެހީންގެ ހުނަރާއި ގާބިލުކަން އިތުރުވަމުން އަންނަ ދާއިރާތަކުގެ ތެރޭގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި، ލޮޖިސްޓިކްސް ހިދުމަތް، އާންމު ކަނޑު ދަތުރުފަތުރުގެ ހިދުމަތް، ބަންކަރިންގެ ހިދުމަތާއި، 15 މިލިއަން ޑޮލަރުން ދަށުގެ ކޮންސްޓްރަކްޝަން މަޝްރޫއުތައް ދިވެހީންނަށް ހާއްސަކޮށްފައިވެއެވެ.

އެ ވުޒާރާއިން ވިދާޅުވީ ބޭރު ފަރާތްތަކުގެ އެހީތެރިކަމާއި ތަޖުރިބާ ބޭނުންވާ ދާއިރާތަކުގައި ޖޮއިންޓް ވެންޗަރު އުސޫލުން އިންވެސްޓްކުރުމުގެ ފުރުސަތު ބޭރުގެ ފަރާތްތަކާއެކު ދިވެހީންނަށް ލިބިގެންދާނެ ކަމަށެވެ. މި އިސްލާހުތަކުގެ މައިގަނޑު މަގްސަދަކީ ދިވެހީންނަށް އިގްތިސާދީ މިނިވަންކަން ހޯދައިދީ، ގައުމުގެ އިގްތިސާދުގައި ދިވެހީން ބާރުވެރި ކުރުވުމާއި، 2040 ވަނަ އަހަރު އަންނައިރު ރާއްޖެ ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައި ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރަށް މަގުފަހިކުރުން ކަމަށް ވެސް ވުޒާރާއިން ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.