ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރި 4000 ފްލެޓްގެ ތެރެއިން، މިހާތަނަށް ފްލެޓް ކަނޑައަޅާފައިނުވާ ފަރާތްތަކުގެ ގުރުއަތުލުން މިއަދު ފެށިއްޖެއެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، 3 ކޮޓަރީގެ ފްލެޓަށް ޝަރުތުހަމަވެ ގުރުއަތު ނަގާފައިނުވާ 338 ފަރާތެއްގެ އިތުރުން، 2 ކޮޓަރީގެ ފްލެޓަށް ޝަރުތުހަމަވާ 58 ފަރާތުގެ ގުރުއަތު މިއަދު ވަނީ ނަގާފައެވެ. މި ގުރުއަތުލުމަކީ 2023 ވަނަ އަހަރުގެ ނޮވެމްބަރު 16 ވަނަ ދުވަހު ބޭއްވި ގުރުއަތުގައި، ޝަރުތުހަމަވަމުން ބައިވެރިވެފައިނުވާ ފަރާތްތަކަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންގޮސްފައިވާ ކަމެކެވެ.
އެގޮތުން 76 އަށްވުރެ ގިނަ މާރކްސް ލިބިފައިވާ 3 ކޮޓަރީގެ ފްލެޓަށް ޝަރުތުހަމަވާ ފަރާތްތަކާއި، 73 އިން ފެށިގެން މަތިން މާރކްސް ލިބިފައިވާ 2 ކޮޓަރީގެ ފްލެޓަށް ޝަރުތުހަމަވާ ފަރާތްތަކުގެ މެދުގައި މިއަދުގެ ގުރުއަތު ވަނީ ބޭއްވިފައެވެ. ގުރުއަތުގެ މަންޒަރު ޕީއެސްއެމްއާއި ވުޒާރާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ވަގުތުން ބްރޯޑްކާސްޓް ކުރިއެވެ.
ވުޒާރާއިން ބުނިގޮތުގައި ގުރުއަތުން ލިބޭ ފްލެޓް ނަންބަރު ގެދޮރުވެރިން ޕޯޓަލްއިން އަޕްޑޭޓް ކުރާނެއެވެ. ފަހިދިރިއުޅުން ކޯޕަރޭޝަން އެފްޑީސީން ކުރިއަށްގެންދަނީ ފްލެޓް ލިބޭ މީހުންގެ ލިސްޓް އެކުލަވާލައި، އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތެވެ. މިހާތަނަށް 3164 ފަރާތަކާއެކު އެއްބަސްވުން އެކުލަވާލައި، ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވުޒާރާއިން ބުންޏެވެ.
ކޮމެންޓު ފޮނުވާ