ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގައި ގެ ކުލީގެ އަގު ހައްދަށްވުރެ ބޮޑުވަމުން ދިއުމުން އެކަމާ ހައްލެއް ހޯދަން ސައޫދީ ސަރުކާރުން ފިޔަވަޅު އަޅައިފިއެވެ. އަންނަ ފަސް އަހަރަށް ގެ ކުލީގެ އަގު އިތުރުކުރުން މުޅިން މަނާކޮށް އެ ގައުމުގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ އިސްނެންގެވުމުގައި ކެބިނެޓުން "ރެންޓް ފްރީޒް" އުސޫލު ފާސްކޮށްފައިވާއިރު އެ ނިންމުން ތަންފީޒުކުރަން ވަނީ ފަށައިފައެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ގާތްގަނޑަކަށް އަހަރުދުވަހުގެ ތެރޭގައި ކުލީގެ އަގު 13 ޕަސެންޓަށް އުފުލިގެން ދިޔުމުން މި ފިޔަވަޅު އަޅަން ޖެހުނީއެވެ. މި އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އަމަލުކުރަން ފަށާފައިވާ މި އުސޫލުގެ ދަށުން ކުރިއަށް އޮތް ފަސް އަހަރަށް އެއްވެސް ކުލީގެ އަގެއް އިތުރުކޮށްގެން ނުވާނެއެވެ. އަދި އަލަށް ތަނެއް ކުއްޔަށް ދިނުމަށް ހަދާ އެގްރީމަންޓްގައި ބުނާ އަގަކީވެސް އެންމެ ފަހުން އެ ތަނަކަށް ކަނޑައަޅާފައި އޮތް އަގަށްވުރެ ބޮޑު އަދަދަކަށް ނުވާނެއެވެ.
މި އުސޫލާ ޚިލާފުވާ ގެދޮރު ވެރިންނަށް އެތަނަކުން ލިބޭ އަހަރެއްގެ ކުލީގެ ޖުމްލަ އަދަދާ ހަމަހަމަ ޖޫރިމަނާއެއް ކުރާނެއެވެ. އެއާއި އެކު ކުލި އުފުލި ވެރިން ސަރުކާރަށް އަންގާ އާންމުންނަށް އެ ތަނެއްގެ ކުލީގެ 20 ޕަސެންޓާ ހަމައަށް އިނާމުވެސް ލިބޭނެއެވެ. މި މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން އަންނަ ހުކުރު ދުވަހުގެ ޚުޠުބާގައިވެސް މި މައުޟޫއަށް އިސްކަން ދިނުމަށް ސަރުކާރުން އަންގާފައިވެއެވެ.


