ބްރޯޑްކާސްޓިން ކޮމިޝަނުގެ ހަތަރު މެންބަރުން އިންތިހާބަކާ ނުލައި ހޮވިއްޖެ

ބްރޯޑްކާސްޓިން ކޮމިޝަނުގެ ހަތަރު މެންބަރުން އިންތިހާބަކާ ނުލައި ހޮވިއްޖެ

Author
ޙަސަން މުޙައްމަދު
07 އޮކްޓޯބަރ 2025 07:58
0

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް މީޑިއާއިން ހޮވާ ހަތަރު މެންބަރުން އިންތިހާބަކާ ނުލައި ހޮވިއްޖެ އެވެ. ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެންބަރުކަމަށާއި މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ހަމަވުމުން، އިންތިހާބު ކުރަން ޖެހޭ އަދަދަށްވުރެ ގިނަ ކެންޑިޑޭޓުން ނުލިބުމުން ވަނީ އިންތިހާބަކާ ނުލައި ހޮވިފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި، ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުކަމަށް ކުރިމަތިލިއިރު އެއް ކެންޑިޑޭޓަކު ނަން އަނބުރާ ގެންދިއުމުން، ބާކީ ތިބީ ޝަރުތު ހަމަވާ ދެ ކެންޑިޑޭޓުންނެވެ. އެހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުކަމަށް ވެސް ކުރިމަތިލާފައިވަނީ ދެ ކެންޑިޑޭޓުން ކަމަށް އީސީން ބުންޏެވެ.

ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުކަމަށް ހޮވިފައިވަނީ ށ. ފޭދޫ، މޫނިމާގެ، އަބްދުލްއަޒީޒު އިބްރާހިމާއި ގދ. ތިނަދޫ، މަލަ، ޒަމްއަތު އަހުމަދު ވަހީދު އެވެ. އެހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުކަމަށް ހޮވިފައިވަނީ ގދ. ރަތަފަންދޫ، ވެލީގެ، ސިމާހާ ނަސީމާއި ހދ. ވައިކަރަދޫ، ހިސާން، ހުސައިން ސަގީފް އެވެ.

އެ ކޮމިޝަނަށް ބާކީ ތިން މެންބަރުން އިންތިހާބު ކުރުމަށް ތާވަލުކޮށްފައިވަނީ އަންނަ ހޮނިހިރު ދުވަހު އެވެ. 353 މީޑިއާ އަދި ބްރޯޑްކާސްޓަރުންނަށް އެ އިންތިހާބުގައި ވޯޓު ލެވޭއިރު، މިހާތަނަށް 190 ފަރާތަކުން ރަޖިސްޓްރީ ކޮށްފައިވާ ކަމަށް އީސީން ބުންޏެވެ. ހަތް މެންބަރުންގެ މައްޗަށް އެކުލަވާލާ އެ ކޮމިޝަންގެ ބާކީ ތިން މެންބަރުން ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ. މެންބަރުކަމަށް ކުރިމަތިލުމަށް މިހާރު ހުޅުވާލާފައިވާ މުއްދަތު ހަމަވާނީ މިމަހުގެ 12 ވަނަ ދުވަހު އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.