ޖެހިޖެހިގެން މިދިޔަ ދެ ދުވަހު އައްޑޫ މީދޫގައި އޮންނަ މަތިކިޅި އިކޯ ގާޑެންގައި ހިނގި އަލިފާނުގެ ހާދިސާތަކުގައި އެ ކުޅީގެ ގާތްގަނޑަކަށް 80 ޕަސެންޓް އަނދާ ހުލިވެއްޖެއެވެ. މިދިޔަ ހޮނިހިރު ދުވަހު މެންދުރު ފަހު ރޯވި އަލިފާންގަނޑު ތިން ގަޑިއިރު ފަހުން ނިއްވާލެވުނު އިރު، އިއްޔެ ހެނދުނު 10:30 ހާއިރު ރޯވި އަލިފާންގަނޑު ނިއްވާލެވުނީ ގާތްގަނޑަކަށް 9 ގަޑިއިރު ފަހުން ރޭ 7:05 ގައި ކަމަށް ސިފައިން ހާމަކުރި އެވެ.
އެ ޕާކު ބަލަހައްޓަމުން އަންނަ މަތިކިޅި ސޮސައިޓީގެ ރައީސް އަބްދުﷲ ޒުހުރީ "މިހާރު" އަށް މައުލޫމާތު ދެމުން ބުނީ، މި ހާދިސާތަކުގައި ކުޅީގެ 80 ޕަސެންޓް އަނދައި އަޅިއަށް ވެފައިވާ ކަމަށެވެ. އިކޯ ގާޑެންގައި ހިނގަން ހަދާފައި އޮންނަ ލަކުޑި ވޯކްވޭގެ ބޮޑު ބައެއް ވެސް މާރާމާތުކުރެވޭ ވަރަށް ވުރެ ބޮޑަށް ވަނީ ހަލާކުވެފައެވެ. އެހެންކަމުން މި ވަގުތަށް އެ ވޯކްވޭ ބޭނުން ނުކުރަން އާންމުންނަށް ވަނީ އިލްތިމާސްކޮށްފައެވެ.
ޒުހުރީ ބުނީ، މިވަރުގެ ބޮޑު ހާދިސާއެއް ހިނގާނީ އަމިއްލައަށް އަލިފާން ރޯވެގެން ކަމަކަށް އޭނާއަށް ގަބޫލެއް ނުކުރެވޭ ކަމަށާއި، ކޮންމެސް ބަޔަކު ގަސްތުގައި ރޯކޮށްގެން ކަމަށް ހަމަ ބެލެވޭ ކަމަށެވެ. އެތަނަށް ލިބުނު ސީދާ ގެއްލުން ބެލުމަށްޓަކާ އެސެސްމަންޓެއް ހަދަން ޖެހޭ ކަމަށް ވެސް އޭނާ ފާހަގަކުރި އެވެ.
ސަރުކާރުން 2020 ވަނަ އަހަރު ހިމާޔަތްކޮށްފައިވާ މަތިކިޅި އަކީ 54 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ކަމަށާއި، ރާއްޖޭގެ އެންމެ ބޮޑެތި ޗަސްބިންތަކުގެ ތެރެއިން އެއް ތަނަށް މި ކުޅި ވެއެވެ. އެތަނުގައި އޮޅުއަލަ އާއި ކާފަރުބުރު ގިނަ އަދަދަކަށް ހެދިފައި އޮވެ އެވެ.
ކޮމެންޓު ފޮނުވާ