މިމަހުގެ 3 ވަނަ ދުވަހުގެ ރޭ ފުލުހުން އެމްޑީޕީގެ މުޒާހަރާ ރޫޅާލުމުގައި ބާރުގެ ބޭނުންކުރުމާ ގުޅިގެން، އެމްޑީޕީގެ ހުޅުމާލެ ދެކުނު ދާއިރާގެ ނައިބު ރައީސް މުހައްމަދު ރަސްލާން އައިޖީއެމްއެޗުގައި ފަރުވާ ހޯދަމުން އަންނައިރު، ޕެޕާ ސްޕްރޭ ޖެހުމުން ސީދާ ހާޓް އެޓޭކެއް ނުޖެހޭނެ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
އައިޖީއެމްއެޗްއިން ނެރުނު މި ބަޔާނުގައި ބުނީ ހާޓް އެޓޭކް ޖެހެނީ އާންމު ގޮތެއްގައި ހިތުގެ ލޭ ހޮޅިތަކަށް ލޭ ނުފޯރުމުގެ ސަބަބުން، ސިއްހީ މައްސަލަތަކެއްގެ ސަބަބުން ކަމަށެވެ. ޕެޕާސްޕްރޭ ޖެހުމުން ވަގުތީ ގޮތުން ނޭވަޔަށް އުނދަގޫވެ ސްޓްރެސްގެ އަސަރު ކުރިޔަސް، އެއީ ސީދާ ހާޓް އެޓޭކެއް ޖެހޭ ފަދަ އެއްޗެއް ނޫން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
އައިޖީއެމްއެޗުން ބުނީ ބަލިމީހާއަށް ފަރުވާ ދީ ހާލު ރަނގަޅުވެ މިހާރު އެސްސީސީޔޫގައި އެޑްމިޓްކޮށްފައިވާ ކަމަށެވެ. އަދި އެ ހޮސްޕިޓަލުން ފަރުވާ ހޯދާ ކޮންމެ މީހަކަށް ހާލަތަށް ބަލައި އެންމެ ފުރިހަމަ ފަރުވާ އަބަދުވެސް ދޭނެ ކަމުގެ ޔަގީންކަން އެ ބަޔާނުގައި ދީފައިވެއެވެ.
3 ވަނަ ދުވަހުގެ ރޭގެ އެއްވުމުގައި ފުލުހުން ބާރުގެ ބޭނުންކުރީ ހާލަތާ ނުބައްދަލު ގޮތަކަށް ކަމަށް އެމްޑީޕީން ބުނި ނަމަވެސް، ފުލުހުން ބުނީ ބާރުގެ ބޭނުންކުރީ ކެތްތެރިކަމާއި ޕްރޮފެޝަނަލްކަމާއެކީ ހަމަތަކުގެ ތެރެއިން ކަމަށެވެ.
ކޮމެންޓު ފޮނުވާ