މިރޭ މާލޭގައި އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގައި ބައިވެރިވި މީހުންގެ ތެރެއިން މަދުވެގެން 6 މީހަކު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށް އެ ޕާޓީން ބުނެފައިވެއެވެ. މި މުޒާހަރާގައި ހަމަނުޖެހުން ހިންގައި ފުލުހުންގެ މަސައްކަތަށް ހުރަސްއެޅި ކަމަށް ބުނެ ހައްޔަރުކުރި މީހުން ވަގުތުން ދޫކޮށްލުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.
ހައްޔަރުކުރެވުނު މީހުންގެ ޖުމްލަ އަދަދާއި ތަފްސީލު އަދި ޔަގީންކުރެވިފައި ނުވިނަމަވެސް، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގެއް ކަމަށް އެމްޑީޕީން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން މި މުޒާހަރާއާ ގުޅިގެން ހައްޔަރުކުރެވުނު ފަރާތްތައް މިހާރުން މިހާރަށް ދޫކޮށްލަންޖެހޭ ކަމަށް އެ ޕާޓީން ބުނެއެވެ.
ސުލްހަވެރިކަމާއެކު ކުރިއަށް ގެންދިއުމަށް ރާވާފައިވާ މުޒާހަރާ ހަލަބޮލިކޮށްލަން މަސައްކަތްކޮށްފައިވަނީ ފުލުހުން ކަމަށް އެމްޑީޕީން ތުހުމަތުކޮށްފައިވެއެވެ. ފުލުހުން ގިނަ އަދަދެއްގެ ޕެޕާ ސްޕްރޭ ޖެހުމުގެ ސަބަބުން އެ ސަރަހައްދުގައި ތިބި މުޒާހަރާގެ ބައިވެރިންގެ އިތުރުން ނޫސްވެރިންނަށްވެސް އެކަމުގެ އަސަރުކޮށްފައިވާ ކަމަށް އެ ޕާޓީން ވިދާޅުވެއެވެ.
މުޒާހަރާގެ ބައިވެރިން މަޖީދީ މަގަށް ނުކުތުމާ ގުޅިގެން ފުލުހުން ޝީލްޑުތައް ބޭނުންކޮށް މުޒާހަރާގެ ބައިވެރިން ފަހަތަށް ޖެއްސުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް ފާހަގަކުރެވެއެވެ. ނަމަވެސް ފުލުހުންގެ ފަރާތުން ބުނެފައިވަނީ، ހުއްދަ ދީފައިވާ މަގުތައް ކުރިން އަންގާފައިވާ ކަމަށާއި، މަޖީދީމަގުގައި މުޒާހަރާކުރުމަށް ހުއްދަ ދީފައިނުވާ ކަމަށެވެ.
ހުއްދަ ދެވިފައިވާ ރޫޓާ ހިލާފަށް މަޖީދީ މަގުން މުޒާހަރާގެ ބައިވެރިން ނުދިއުމަށް ތަކުރާރުކޮށް ނަސޭހަތްދީ އިންޒާރު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެކަމަށް އިޖާބަ ނުދީ އެއްވުމުގެ ބައިވެރިން ފުލުހުންނާ ދިމާލަށް ގަލާއި ފެންފުޅި ފަދަ ތަކެތި އުކާފައިވާ ކަމަށާއި، ފުލުހުންގެ އާލާތްތައް އަތުލަން މަސައްކަތްކޮށް، ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅި ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި އަމަލުތައް ހިންގި ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ އިންޒާރުދީފައެވެ. މި މުޒާހަރާގައި ހިނގި ކަންކަމާ ގުޅިގެން އެމްޑީޕީއާއި ފުލުހުންގެ ފަރާތުން ދެވޭ މައުލޫމާތުގައި ތަފާތުތަކެއް ހުރި ކަމަށް ފާހަގަކުރެވޭ އިރު، ދެ ފަރާތުންވެސް އަމިއްލަ ފަރާތުގެ އަމަލުތައް ރަނގަޅު ކަމަށް ބުނަމުން ގެންދެއެވެ.
ކޮމެންޓު ފޮނުވާ