މިހާރުގެ ސަރުކާރު ވެރިކަމާ ހަވާލުވިއިރު އިސްލާމިކް މިނިސްޓްރީން އެކަނިވެސް އަމިއްލަ ކުންފުނިތަކަށް 30 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކަންޖެހި ނުދައްކާ ހުރި ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ސަރުކާރުގެ ކުރީގެ މާލީ ވަޒީރު އިބްރާހިމް އަމީރު، އަމިއްލަ ދިވެހި ކުންފުނިތަކަށް ސަރުކާރުން ނުދައްކާ ހުރި ފައިސާއާ ބެހޭގޮތުން ވާހަކަދެއްކެވުމާ ގުޅިގެން، މިނިސްޓަރު ޝަހީމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރެއްވީ، މިހާރުގެ ސަރުކާރު ފެށިއިރު އިސްލާމީ ވުޒާރާގައި 30 މިލިއަން ރުފިޔާގެ ގާތްގަނޑަކަށް ކުންފުނިތަކަށް ނުދައްކާ ހުރިއިރު، މަސައްކަތް ނިމިފައި ހުރި ބިލްތަކާއެކު ޖުމުލަ 50 މިލިއަން ރުފިޔާ ހުރިކަމަށެވެ. މިނިސްޓަރު ޝަހީމް އިތުރަށް ވިދާޅުވީ، މި ހުރިހާ ފައިސާއެއް މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި މިހާރުގެ ސަރުކާރުން ދައްކައި ޚަލާސްކޮށްފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، ދިވެހި ވިޔަފާރިތަކަށް ދައްކަންޖެހޭ ފައިސާގެ މައްސަލަ ހައްލުކުރުމަށް ކުރިއަށް އޮތް 5 ހަފްތާގެ ތެރޭގައި ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ އިއްޔެ ވިދާޅުވެފައިވަނީ، 2023 ވަނަ އަހަރުގެ ނޮވެމްބަރު 17 ގައި ސަރުކާރު ހިންގުމާ ހަވާލުވެވަޑައިގެންނެވިއިރު، ދިވެހި ވިޔަފާރިތަކަށް ނުދައްކާ ހުރި ހާސްގަނޑަކަށް ބިލު ހިމެނޭގޮތުން، ސަރުކާރަށާއި ސަރުކާރު ކުންފުނިތަކަށް ގާނޫނާއި ގަވާއިދާ އެއްގޮތަށް ހުށަހެޅިފައިވާ ބިލްތަކުގެ ފައިސާ ކުރިއަށް އޮތް ފަސް ހަފްތާތެރޭ ދެއްކުމަށް ކަށަވަރުކަން ދެއްވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، ފުން އަނދަވަޅެއްގައި އޮތް ދިވެހި އިގްތިސާދު ރަނގަޅު ކޮޅަށް ޖެހުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިއީ ހާސިލުކުރެވޭ ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ.
އެހެންނަމަވެސް، ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައިވަނީ، ކޮންޓްރެކްޓަރުންނަށް ސަރުކާރުން ދޭންޖެހޭ ފައިސާ ބިލިއަނުން ހުރިކަމަށާއި، މި ފައިސާ ދިނުމުގެ ގާބިލުކަން މިހާރުގެ ސަރުކާރުގައި ނެތްކަމަށެވެ. އަމީރު ފާހަގަކުރެއްވީ، ސަރުކާރުން މީގެ ކުރިން މިފަދަ ވައުދުތައް ދީފައިވީނަމަވެސް އެކަންކަން އަދި ފުރިހަމައަށް ކުރެވިފައި ނުވާ ކަމަށެވެ.
ކޮމެންޓު ފޮނުވާ