އެމްޑީޕީގެ މުޒާހަރާއަކީ ވެރިކަން ހޯދަން ހިންގާ ފިތުނައެއް: ގާސިމް

އެމްޑީޕީގެ މުޒާހަރާއަކީ ވެރިކަން ހޯދަން ހިންގާ ފިތުނައެއް: ގާސިމް

Author
ޙަސަން މުޙައްމަދު
03 އޮކްޓޯބަރ 2025 11:33
0

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެފައިވަނީ "ލޫޓުވައިފި، ލޫޓުވައިފި" ގެ ނަމުގައި މިރޭ އެމްޑީޕީން ބާއްވާ މުޒާހަރާއަކީ ވެރިކަން ހޯދުމަށް ކުރާ ނުބައި އަމަލެއް ކަމަށާއި، އެ މުޒާހަރާގައި ބައިވެރިނުވުމަށް އާންމުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.

ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާގެ ލަގަބު ލިބިވަޑައިގެންފައިވާ ގާސިމް، ސޯޝަލް މީޑިއާގައި ކުރެއްވި ދިގު ޕޯސްޓެއްގައި ފާހަގަކުރެއްވީ މި މުޒާހަރާއަކީ ބިނާކުރަނިވި މުޒާހަރާއެއް ނޫން ކަމަށާއި، އޭގެ ބަދަލުގައި އެއީ ފަނާކުރަނިވި މުޒާހަރާއެއް ކަމަށެވެ. ޖޭޕީ މެންބަރުންނާއި އެހެން ދިވެހި ރައްޔިތުން ވެސް އެ މުޒާހަރާއަށް ނުދިއުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.

"އެއީ ވެރިކަން ހޯދަން ވެގެން ކުރާ ބޮޑު ނުބައި ކަމެއް. މި ބޮޑު ދަރަނިވެރި ހާލަތުގައި އެއްވެސް ކަމެއް ކޮށްދެވޭނެތީ ކުރާ ކަމެއް ނޫން. ގައުމަށް މި ވެރިކަމުގައި ރަނގަޅު ކަމެއް ކުރިޔަ ނުދީ، ވެރިކަން ހޯދަން ފިތުނަ ކުރަން ވެގެން ކުރާ ނުބައި އަމަލެއް،" އޭނާ ވިދާޅުވިއެވެ.

މިހާރުގެ ސަރުކާރުގެ އެންމެ ބޮޑު ގޮންޖެހުމަކީ ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ބޮޑެތި ދަރަނިތައް އަދާކުރުން ކަމަށް ގާސިމް ވިދާޅުވިއެވެ. ގައުމަށް ލިބޭ އާމްދަނީގެ ބޮޑު ހިއްސާއެއް މިހާރު ހޭދަވަނީ މި ދަރަނިތައް އަދާކުރުމަށް ކަމަށާއި، މި ދަރަނިތައް ނުދެއްކިއްޖެނަމަ މުޅި ގައުމު ބަންކްރަޕްޓްވާނެ ކަމަށް އޭނާ އިންޒާރު ދެއްވިއެވެ.

"މި ސަރުކާރުން އިތުރު ޓެކްސް ނަގައިގެން ވެސް އެކަން ކުރަމުން އެގެންދަވަނީ. މުސާރަތައް ވެސް އެ ދެއްވަނީ އެގޮތް މިގޮތް ހަދައިގެން،" ގާސިމް ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުތަކުގައި ސަރުކާރު ކުންފުނިތައް މެދުވެރިކޮށް ހިޔާނާތްތެރިކަން ހިންގާފައިވާ ކަމަށް ތުހުމަތު ކުރައްވާ ގާސިމް ވިދާޅުވީ، އެ ސަރުކާރުތަކުން އެކަންކަން އިސްލާހު ކުރަން އެއްވެސް ކަމެއް ނުކުރާ ކަމަށެވެ. ނަމަވެސް މިހާރުގެ ސަރުކާރުގައި އެފަދަ ކަންކަން ކުރާ ކަމަށް ތުހުމަތުކުރެވޭ މީހުންނާ ދޭތެރޭ ރައީސް ޑރ. މުޙައްމަދު މުއިއްޒު ފިޔަވަޅު އަޅުއްވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"މި މުޒާހަރާއިން ނުކުންނާނެ ނަތީޖާއަކީ ގައުމު އިތުރު ވަޅުގަނޑަކަށް ވައްޓާލުން އަދި ރައްޔިތުން އިތުރަށް ދަރަނިވެރިކުރުވާ އިނދަޖައްސާލުން ނޫންބާ؟" ގާސިމް ސުވާލު އުފެއްދެވިއެވެ.

ގައުމުގެ އަމަންއަމާންކަން ގެއްލޭފަދަ އެއްވެސް ކަމެއް ނުކުރުމަށް އިލްތިމާސް ކުރައްވަމުން ގާސިމް ވިދާޅުވީ، މި މުޒާހަރާއަކީ ގައުމު "އިނދަޖައްސާލަން" ކުރާ މަސައްކަތެއް ކަމަށެވެ.

މާމިގިލީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ގާސިމްގެ ޖުމްހޫރީ ޕާޓީއަކީ މި ސަރުކާރު ފިޔަވައި، ފާއިތުވި ސަރުކާރުތަކުގެ ކޯލިޝަން ޕާޓްނަރެކެވެ. އެމްޑީޕީގެ ވެރިކަމުގައި ވެސް ޖޭޕީ އޮތީ ކޯލިޝަންގައި ހިމެނިގެންނެވެ. އެ ވެރިކަމުގައި ގާސިމްގެ އަނބިކަނބަލުން ހިމެނިވަޑައިގަންނަވާ ގޮތަށް އެތައް ސިޔާސީ މަގާމެއްގައި ޖޭޕީގެ ބޭފުޅުން ތިއްބެވިއެވެ.

އެހެންނަމަވެސް، ގދ. ކާޑެއްދޫ އެއާޕޯޓަށް ވިލާއިން ވައުދުވި ތަރައްގީ ނުގެނެސް، ލީސް އެގްރިމަންޓު ބާތިލުކޮށް، ސަރުކާރަށް އެއާޕޯޓު ނެގުމަށްފަހު، ގާސިމްގެ ވިލާ އެއާއަށް ދައުލަތުން 18 މިލިއަން ޑޮލަރު ދޭން މި ސަރުކާރުން ހުށަހެޅުމުން ގިނަ ބަޔަކު ވަނީ އެކަމާ ދެކޮޅު ހަދާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.