މީޑިއާ ކޮމިޝަން އިންތިޚާބުގެ ވޯޓަރުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް މިރޭ 10 ޖަހަންދެން ފުރުޞަތު އޮންނާނެ

މީޑިއާ ކޮމިޝަން އިންތިޚާބުގެ ވޯޓަރުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް މިރޭ 10 ޖަހަންދެން ފުރުޞަތު އޮންނާނެ

Author
ޙަސަން މުޙައްމަދު
02 އޮކްޓޯބަރ 2025 08:04
0

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަށް މީޑިއާތަކުގެ ފަރާތުން އިންތިޚާބުކުރާ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ފަރާތްތަކުގެ ރަޖިސްޓްރީއަށް އިލެކްޝަންސް ކޮމިޝަނުން ގެނައި ބަދަލުތައް މިއަދު ގެޒެޓުކުރުމާއެކު، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އޮކްޓޯބަރު 11ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން ކުރަމުންދާ ތައްޔާރީތަކުގެ ތެރެއިން، ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކުގެ ރަޖިސްޓްރީއަށް ކުރިން ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން މިހާރު ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން ރަޖިސްޓްރީއިން 18 ފަރާތެއް އުނިކުރިއިރު، އަލަށް 64 މީޑިއާއާއި ބްރޮޑްކާސްޓަރުން އިތުރުކޮށްފައިވެއެވެ. މި ބަދަލުތަކާއެކު އެކުލަވާލި އައު ލިސްޓު، ކޮމިޝަނުގެ ގެޒެޓު އިޢުލާނާއެކު ޝާއިޢުކޮށްފައިވާނެއެވެ.

ރަޖިސްޓަރީއާމެދު ޝަކުވާ އުފެދޭ ފަރާތްތަކަށް ކޮމިޝަނުގެ ވެބްސައިޓުންނާއި އިދާރާއިން ލިބެން ހުންނަ ޝަކުވާ ފޯމު ފުރިހަމަކުރުމަށްފަހު، [email protected] އަށް އީމެއިލްކޮށްގެން ޝަކުވާ ހުށަހެޅިދާނެއެވެ. ޝަކުވާ ބަލައިގަތުމަށް ކަނޑައަޅާފައިވާ ވަގުތު ހަމަވާނީ މިރޭ 10:00ގައެވެ.

މީޑިއާ ކޮމިޝަނަށް މީޑިއާތަކުގެ ފަރާތުން މެންބަރުން އިންތިޚާބުކުރުމަކީ މީޑިއާގެ ދާއިރާ ރެގިއުލޭޓްކުރާ މުއައްސަސާގައި މީޑިއާތަކުގެ ތަމްސީލު ހިމެނުމަށް ޤާނޫނުން ކަނޑައަޅާފައިވާ އިންތިޒާމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.