މާލެ ސިޓީގެ ބިންތަކާ ބެހޭ އެންމެހާ މައުލޫމާތު އެއް ޕްލެޓްފޯމަކުން ލިބެން ހުންނާނެ ޚާއްސަ ޑިޖިޓަލް ނިޒާމެއް މިއަދު މާލޭ ސިޓީ ކައުންސިލުން ތައާރަފްކޮށްފިއެވެ. "ލޭންޑް އިންފޮމޭޝަން ސިސްޓަމް" ގެ ނަމުގައި ތައާރަފްކުރި މި ނިޒާމަކީ ސިޓީގެ ބިމާބެހޭ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް އެހީތެރިވެދޭނެ ވަސީލަތެކެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މި ނިޒާމު އެކުލަވާލާފައިވަނީ ކައުންސިލްގައި މިހާރު ހުރި ޑޭޓާބޭސްތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ. މިހާރު މި ނިޒާމަކީ ފުރިހަމަ ވެފައިވާ އެއްޗަކަށް ނުވިނަމަވެސް، ކުރިމަގުގައި އިތުރު ތަރައްގީތައް ގެނެސް، ޕްލޭނިންގ މަސައްކަތްތަކުގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކަށް އެއް ވަސީލަތެއްގެ ދަށުން މަސައްކަތް ކުރެވޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ.
މި އައު ނިޒާމުގެ ފައިދާތަކުގެ ތެރޭގައި، މާލޭގެ ގޭބިސީތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އެމީހުންގެ ގެދޮރާ ގުޅުންހުރި މައުލޫމާތު ވަރަށް ފަސޭހަކަމާއެކު ހޯދޭނެކަން މޭޔަރު އިތުރަށް ފާހަގަކުރެއްވިއެވެ. މި ޕޯޓަލް ތަރައްގީވަމުން ދާއިރު، ގޯތީގައި ހިންގާ ވިޔަފާރިތަކާއި ކާރު ގަރާޖް ހުއްދަތަކުގެ މައުލޫމާތު ފަދަ ތަފްސީލުތައް ވެސް ހިމަނާނެ ކަމަށް ވިދާޅުވިއެވެ.
ޒާތީ މައުލޫމާތުތައް ރައްކާތެރިކުރުމުގެ ގޮތުން، ޕޯޓަލްގެ ބައެއް ޚާއްސަ މައުލޫމާތުތައް ލިބޭނީ 'އީފާސް' ސިސްޓަމް މެދުވެރިކޮށް، ކޮންމެ މީހަކަށް އެމީހެއްގެ އަމިއްލަ މައުލޫމާތު އެކަނި ފެންނާނެ ގޮތަށް ކަމަށް މޭޔަރު ވިދާޅުވިއެވެ.
މި ސިސްޓަމްގައި ހިމެނޭ މައުލޫމާތުތަކުގެ ތެރޭގައި، ލޭންޑް އޮޑިޓްގައި ރަޖިސްޓަރީކޮށްފައިވާ ބިންތަކާއި، އެ ބިންތައް ބޭނުންކުރާ ގޮތްތައް ދައްކުވައިދޭ ތަފްސީލީ ޗާޓުތައް ހިމެނެއެވެ. ޚާއްސަކޮށް ވިލިމާލޭގެ އެންމެހާ ބިންތަކުގެ މައުލޫމާތު، ޑްރޯން ޓެކްނޮލޮޖީ ބޭނުންކޮށްގެން ނަގާފައިވާ ތަސްވީރުތަކާއި، ޖިއޯރިފަރެންސް ޑޭޓާ އާއެކު، ކޮންމެ ބިމެއް ވަކިން ދެނެގަނެވޭނެ ފެންވަރަށް ތައްޔާރުކޮށްފައިވެއެވެ.
މި ނިޒާމުގައި މާލޭގެ ހުރިހާ ކޮށިތަކުގެ ބޮޑުމިނާއި، ކޮންމެ ކޮށެއްގައިވާ ގޯތިތަކުގެ ސައިޒް، މާލެއާއި ވިލިމާލޭގައި ހުރި ގެތަކުގެ ޢަދަދު، ސްކޫލްތަކާއި ފިހާރަތައް، އޮފީސްތަކާއި އެހެނިހެން އިމާރާތްތަކުގެ ތަފްސީލީ މައުލޫމާތު ވަކިވަކިން ބެލޭނެ ގޮތަށް ހަމަޖެހިފައިވެއެވެ.
ސިޓީ ކައުންސިލުން ބުނާ ގޮތުގައި، މި ޑިޖިޓަލް ނިޒާމުގެ ސަބަބުން މާލޭގެ ތަރައްގީއަށް ބޭނުންވާ ކަންކަން ދެނެގަތުމާއި، ބިން ބޭނުންކުރެވޭ ގޮތްތައް މޮނިޓަރ ކުރުން ވަރަށް ބޮޑަށް ފަސޭހަވެގެންދާނެއެވެ.
ކޮމެންޓު ފޮނުވާ